ރަސްމާލެ ޑިޒައިންކޮށް، މާސްޓާ ޕްލޭނެއް ތައްޔާރުކުރުމަށް ކޮންސަލްޓަންސީ ސާވިސް ދޭނެ ފަރާތެއް ހޯދަން ޕްލޭނިން މިނިސްޓްރީން އިއުލާންކޮށްފި އެވެ.
މާލެ ކައިރި ފުށިދިއްގަރު ފަޅުން 1،009 ހެކްޓަރު ހިއްކައިގެން ތަރައްގީކުރާ ރަސްމާލެ ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ތިމާވެއްޓާ ރައްޓެހި ރަށެއްގެ ގޮތުގައެވެ.
ރަސްމާލެ ޑިޒައިންކޮށް މާސްޓާ ޕްލޭނެއް ތައްޔާރުކުރުމަށް ކޮންސަލްޓެންޓެއް ހޯދަން އިއުލާންކޮށް ޕްލޭނިން މިނިސްޓްރީން ބުނީ، މި މަސައްކަތުގެ މަގްސަދަކީ ކްލައިމެޓް ރިސްކް އެޑެޕްޓިވް އައިލެންޑް ޕްލޭނިންގ މޮޑެލް އުސޫލުތަކަށް ފެތޭ، އަދި ތިމާވެށީގެ ގޮތުން ދެމެހެއްޓެނިވި، އިގްތިސާދީ ގޮތުން ފުދުންތެރި މާސްޓާ ޕްލޭނެއް އެކުލަވާލުން ކަމަށެވެ. މި ޕްލޭނަކީ ދުރު ރާސްތާގެ ތަރައްގީއަށް މަގުފަހިކޮށްދޭ، އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ބިނާކުރެވިފައިވާ ރޭވުންތެރި ޕްލޭނަކަށް ވެގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ކޮންސަލްޓަންސީ ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އެ މަސައްކަތް ކުރުމުގެ ގާބިލްކަން ސާބިތުކޮށްދޭ ލިޔެކިޔުން ހުށައަޅަންޖެހެއެވެ. އެގޮތުން، ކުންފުނީގެ ފަންނީ ގާބިލުކަން، ގުޅޭ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލްތަކާއި އަގުތަކުގެ އިތުރުން، ކުންފުނީގެ މުވައްޒަފުންގެ މިފަދަ މަސައްކަތްތަކުގެ ހުނަރާއި ގާބިލުކަން އަދި ކުންފުނީގެ މިފަދަ މަސައްކަތުގެ މައުލޫމާތު ހުށަހަޅަންޖެހެއެވެ.
މި މަސައްކަތަށް ކޮންސަލްޓަންޓެއް ހޮވުމަށް ހަމަޖެހިފައި ވަނީ، ކޮލިޓީ އެންޑް ކޮސްޓް ބޭސްޑް ސިލެކްޝަން (ކިއުސީބީއެސް) މެތަޑް އާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފައެވެ. މިނިސްޓްރީން ބުނީ، މި މަސައްކަތްތަކަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު އަރުވާނެ ކަމަށެވެ.
ރަސްމާލެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ 2023 އަހަރުގެ ޑިސެމްބަރު މަހުގެ 18ވަނަ ދުވަހުއެވެ.