ރާއްޖޭގެ ހުރިހާ އަތޮޅަކުން އައިޑީކާޑު ޕްރިންޓްކުރެވޭނެ ގޮތް ހަދައިފިއެވެ.
ހުރިހާ އަތޮޅަކުން އައިޑީކާޑު ޕްރިންޓްކުރުމުގެ ވައުދުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވެވަޑައިގެންނެވި ވައުދުފުޅެކެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަޢުދުވެވަޑައިގެންނެވީ، މި ހިނގާ 2025 ވަނަ އަހަރުގެ ނިޔަލަށް ހުރިހާ އަތޮޅަކުން އައިޑީކާޑާއި، ޕާސްޕޯޓް ހައްދައިދިނުމުގެ އިންތިޒާމް ހަމަޖައްސައިދީ ނިންމެވުމަށެވެ. އިއްޔެ ފެލިދެއަތޮޅު ފެލިދޫގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ހިދުމަތް ފެށުމާއެކު ރާއްޭގެ ހުރިހާ އަތޮޅަކުން މިހާރު މި ހިދުމަތް ލިިބޭނެއެވެ.
ފެލިދޫން އައިޑީކާޑު ދޫކުރުން ފައްޓަވައިދެއްވީ ރައީސް މުއިއްޒު މިހާރު ވ. އަތޮޅަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި ފެލިދޫއަށް ވަޑައިގެން، ރޭ އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައެވެ. އައިޑީކާޑު ދޫކުރުން ރަސްމީކޮށް ފައްޓައިވައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.
ފެލިދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މިހާރު ކޮންމެ އަތޮޅަކުން ވެސް އައިޑީކާޑު ދޫކުރަމުންދާނޭ ކަމަށާއި، އަންނަ މަސް ނިމުމުގެ ކުރިން ކޮންމެ އަތޮޅަކުން ޕާސްޕޯޓް ދޫކުރަންވެސް ފެށޭނޭކަމަށެވެ.