ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ފުލް ސްކޭލް އެމަޖެންސީ އެކްސްސަސައިޒް ކާމިޔާބުކަމާއި އެކު ނިންމާލައިފިއެވެ.
މި ހަރަކާތް ކުރިއަށް ދިޔައީ އިއްޔެ ހަވީރު 4:00 އިން ރޭގަނޑު 9:00 އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައެވެ. މި ހަރަކާތުގައި 33 އިދާރާއަކުން ބައިވެރިވެފައިވާއިރު, ހަރަކާތުގެ ބައެއް ހާލަތްތައް މާލެ ސަރަހައްދުގެ ހުރިހާ ހޮސްޕިޓަލެއްގައިވެސް ކުރިއަށް ގެންދިޔައެވެ. މި ހަރަކާތް ނިމުމުން ހުޅުލޭ އައިލެންޑް ހޮޓަލުގައި ރޭ ވަނީ ބައްދަލުވުމެއްވެސް ބާއްވައި ފައެވެ. މި ބައްދަލުވުމުގައި ހަރަކާތުން ފާހަގަވި ކަންކަމާއި ރަނގަޅުކުރަންޖެހޭ ކަންކަމާމެދު ވަނީ މަޝްވަރާކޮށްފައެވެ. އެމަޖެންސީ ހާލަތެއްގައި އެމްއޭސީއެލްގެ އެންމެ މުހިންމު ޒިންމާއާއި ވާޖިބަކަށް ވާނީ މީހުންގެ ފުރާނަ ސަލާމަތްކުރުން ކަމަށް އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވިއެވެ. ސީއީއޯ ޝަރީފު ވިދާޅުވީ, އެފެކްސް އިން ފާހަގަވި ކަންކަން ރަނގަޅު ކުރެވޭނެ ކަމަށާއި އެކަން ރަނގަޅު ކުރުމަށް އިސްކޮށް ހުންނަވައިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ އިދާރާއަކުން ދެއްކެވި ޒިންމާދާރު ކަމަށް ޝުކުރު އަދާކުރެއްވި އެވެ.
އެފެކްސް އަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ވީއައިއޭގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒު ކުރާކަން ކަށަވަރު ކުރުމަށް ލާޒިމުކުރާ ހަރަކާތެކެވެ.