ޓައިވާނަށް މިއަދު އައި ބާރުގަދަ ބިންހެލުމެއްގައި ބައެއް އިމާރާތްތައް ވެއްޓި ނުވަ މީހަކު މަރުވެ 800 އަށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެ އެވެ.
މެގްނިޓިއުޑުން 7.4 ގެ ބާރުމިނުގައި އައި މި ބިންހެލުމަކީ މިދިޔަ 25 އަހަރު ތެރޭ ޓައިވާނަށް އައި އެންމެ ބާރުގަދަ ބިންހެލުން ކަމަށް އޮފިޝަލުން ވިދާޅުވި އެވެ. މި ބިންހެލުމަށް ފަހު އަދިވެސް އިތުރު ލޮޅުންތައް އެރުން އެކަށީގެންވާ ކަމަށް ވަނީ އިންޒާރު ދީފަ އެވެ.
“ބިންހެލުން އައި ވަރަށް ތިލަކޮށް އަދި އެއްގަމާ ކައިރިން. އެހެންވެ މުޅި ޓައިވާނާއި ކައިރި ހުރިހާ ރަށްތަކަށް ވެސް މީގެ އިހްސާސް ކުރެވުނު،” ޓައިޕޭގެ ސެންޓްރަލް ވެދަ އެޑްމިނިސްޓްރޭޝަންގެ ސެއިސްމޮލޮޖީ ސެންޓަރުގެ ޑިރެކްޓަރު ވޫ ޗިއެން-ފޫ ވިދާޅުވި އެވެ.
ޓައިވާނުގައި އަމަލުކުރާ، އިމާރާތްކުރުމުގެ ހަރުކަށި ގަވާއިދުތަކާއި ކާރިސާތަކަށް އާންމުން ހޭލުންތެރިވެފައި ވުމުގެ ސަބަބުން ގިނަ ބައެއްގެ ފުރާނަ ސަލާމަތްވި ކަމަށް ވަނީ ބެލެވިފަ އެވެ.
ވޫ ވިދާޅުވީ މި ބިންހެލުމަކީ 1999 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު 7.6 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމަށް ފަހު އައި އެންމެ ބާރުގަދަ ބިންހެލުން ކަމަށެވެ. އެ ބިންހެލުމުގައި ގާތްގަނޑަކަށް 2،400 މީހުން މަރުވި އެވެ.