މާފަންނު ހުޅަނގު ދާއިރާގެ ސަރުކާރުގެ ކެންޑިޑޭޓް އަހްމަދު މުސްތަފާ މުހައްމަދުގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ފްލެޓް ދިނީ އެއްވެސް ބެލުމެއް ނެތި ކަމަށެވެ. ގޯއްޗާއި ފްލެޓް ދިނީ އެ ސަރުކާރުގައި ރައީސް އޮފީހުގައި ވަކި ލިސްޓެއް ހަދައިގެން ކަމަށާއި އޭސީސީން މިހާރު ވެސް އެބަލަނީ އެ މައްސަލަ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ސަރުކާރުން ވަކި ލިސްޓެއް ހަދައިގެން ގޯއްޗާއި ފްލެޓް ދޭން އުޅޭ ކަމަށާއި ކުރީ ސަރުކާރުގެ މެޖޯރިޓީ ރައްޔިތުންގެ މަޖިލީހުގައި އޮތުމުން އެ މަސައްކަތް ނުކުރެވިގެން އުޅެނީ ކަމަށް ބުނެ އިދިކޮޅުން ދައްކަނީ ބުހުތާނު ދޮގު ވާހަކަ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ. އަދި އެވާހަކަ ރައްޔިތުން ޤަބޫލު ނުކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.
“ފަސް އަހަރު ރައީސް ކަމަށް ހުރުމަށް ފުރުސަތު ލިބިގެން ދިޔުމަކީ ހިތްޕުޅަށް އަރާ ވަޑައިގަންނަވާހާ ގޮތަކަށް އިތުރުފުޅު ހެއްދެވުމަށް އޮތް ލައިސަންސްއެއް ނޫން، އެއަށްވުރެން އިހްލާސްތެރިވާންޖެހޭނެ. ތެދެވެރިވާން ޖެހޭނެ. ރައްޔިތުން ކުރިމައްޗަށް ވަޑައިގެން ވާހަކަ ދައްކަވާއިރު ކޮންމެ ބޭފުޅަކު ވެސް ވާހަކަފުޅު ދައްކަވަން ޖެހޭނީ ތެދުބަހުން،” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދޮގު ހަދާ މީހުން ﷲ އަށް ބިރުވެތިވާންޖެހޭ ކަމަށާއި އެމީހުންގެ އަމިއްލަ ނަފުސުތަކަށް އެމީހުން ތެދުވެރިވާންޖެހޭ ކަމަށެވެ.
“އަޅުގަނޑުމެން އެބަޖެހޭ ޒިންމާދާރުވާން. އަޅުގަނޑުމެން އަމިއްލަ ނަފުސަށް ތެދުވެރިވާން އެބަޖެހޭ. އަޅުގަނޑުމެން އަމިއްލަ ނަފުސަށް ތެދުވެރިވެ، އަޅުގަނޑުމެންގެ ގައުމަށް އިހުލާސްތެރިވާންޖެހޭ. ﷲ އަށް ބިރުވެތިވާން އެބަ ޖެހޭ،” ރައީސް ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭ ފޭސް 2 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ފުރަތަމަ ބުރުގައި 9،000 ގޯތި ދޫކުރުމަށް ނިންމައި، ގޯތި ލިބުނު ހުރިހާ އެންމެންނަށް ހެން މިހާރު ވަނީ ރަޖިސްޓްރީ ހަވާލުކޮށްފައެވެ. އަދި ބައެއް މީހުންނަށް ބިން ވެސް ހަވާލުކޮށްފައިވެއެވެ. ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުރަތަމަ ބުރުގައި ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު ނެރުމުން އޭސީސީން ވަނީ ފްލެޓް ދޫކުރުން ހުއްޓުވައިފައެވެ.