ރައީސް އޮފީހުން ވިދާޅުވީ އެ އިދާރާއަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ.
ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ ރައީސް ގާއިމުކުރެއްވީ، ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންގެ ސައިބާ ސެކިއުރިޓީއާ ގުޅުންހުރި އެންމެހައި ކަންތައްތަކުގައި ފާރަވެރިވެ، ގައުމީ ފެންވަރުގައި ފޯކަލް ޕޮއިންޓެއްގެ ގޮތުގައި މަސައްކަތްކުރުމަށާއި، ސައިބާ ސެކިއުރިޓީގެ ދާއިރާގައި ރާއްޖޭގައި އަމަލުކުރާނެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށް ކަމަށް ރައީސް އޮފީހުން މައުލޫމަަތު ދެއްވައެވެ. އަދި ދައުލަތުގެ މުއައްސަސާތަކުގެ ސައިބާ ދިފާއީ ގާބިލުކަން އިތުރުކުރުމަށް އެހީތެރިވުމަށާއި، ސައިބާ ސެކިއުރިޓީގެ ދާއިރާއިން ރާއްޖޭގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތައް ހޯދުމަށް ގައުމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްކުރުމުގެ ބޭނުމުގައި ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް އޮފީހުން ވިދާޅުވީ އެ އެޖެންސީ އަށް ދިވެހި ބަހުން ބޭނުންކުރަން ހަމަޖައްސަވައިފައިވާ ރަސްމީ ނަމަކީ ސައިބާ ސެކިއުރިޓީއާ ބެހޭ ގައުމީ އިދާރާ ކަމަށެވެ.
އެ އިދާރާއިން ކުރަން ޖެހޭ ބައެއް މަސައްކަތްތައް:
- ސައިބަރ ސެކިއުރިޓީއާ ގުޅުންހުރި އެންމެހައި ކަންތައްތަކުގައި ޤައުމީ ފެންވަރުގައި ފޯކަލް ޕޮއިންޓެއް ގޮތުގައި މަސައްކަތްކުރުން.
- ސައިބަރ ވެށީގައި ހިނގަމުންދާ ކަންކަން ދިރާސާކޮށް، ދައުލަތަށް ނުރައްކާވެދާނެ ސައިބަރ ހަމަލާތައް ދުރާލައި ދެނެގަނެ، މިފަދަ ހަމަލާތަކާބެހޭ މައުލޫމާތު ދައުލަތުގެ ސަލާމަތީ މުއައްސަސާތަކާ ހިއްސާކުރުމާއި، މިފަދަ ހަމަލާތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިޔުން.
- ސަރުކާރުގެ އިދާރާތަކަށް ކުރިމަތިވާ ސައިބަރ ހަމަލާތައް ދީފައިވާގޮތްތައް ދެނެގަތުމަށް ތަޙުޤީޤުކުރުމާއި، އެ ހަމަލާތަކުން ލިބޭ ގެއްލުންތައް ވަޒަންކުރުން.
- ސަރުކާރުގެ އިދާރާތަކަށް ކުރިމަތިވާ ސައިބަރ ހަމަލާތައް ހިންގާފައިވާގޮތް ދެނެގަތުމަށާއި އެ ހަމަލާތައް ދިން ފަރާތްތައް ދެނެގަތުމަށް ތަޙުޤީޤީ އިދާރާތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
އޭގެ އިތުރުން ސަރުކާރުގެ އިދާރާތަކުން މައުލޫމާތު ފޯރުކޮށްދިނުމަށް އުފައްދާ ވެބްސައިޓްތަކާއި، ޑިޖިޓަލްކޮށް ހިދުމަތް ދިނުމަށް ފަރުމާކުރާ އިންފޮމޭޝަން ސިސްޓަމްތަކާއި، އެޕްލިކޭޝަންތަކާއި، ޑޭޓާބޭސްތައް ފަދަ އުފެއްދުންތަކުގައި ބޭނުންކުރާނެ ސެކިއުރިޓީ ސްޓޭންޑަޑްތައް ކަނޑައަޅައި އަދާހަމަކޮށް ޝާއިއު ކުރުމުގެ މަސައްކަތް ވެސް އެ އިދާރާއިން ކުރަން ޖެހޭނެއެވެ.
އަދި ސަރުކާރުގެ އިދާރާތަކަށް ކުރިމަތިވާ ސައިބާ ސެކިއުރިޓީ ހަމަލާތަކާއި ހާދިސާތަކުގައި ވަގުތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، އެފަދަ ހަމަލާތަކުގެ ސަބަބުން އިތުރު ގެއްލުންތައް ވިޔަނުދިނުމަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން ވެސް ހިމެނެއެވެ.
ސައިބާ ހަމަލާއެއް ދިމާވެއްޖެނަމަ އިދާރާތަކުގެ މުހިންމު މަސައްކަތްތަކަށް ހުއްޓުމެއް ނައިސް ކުރިއަށް ގެންދިޔުމަށް ބޭނުންވާ ފަންނީ އެހީތެރިކަން އެ އިދާރާތަކަށް ފޯރުކޮށްދިނުމާއި، އެ އިދާރާތަކަށް ބޭނުންވާ ސެކިއުރިޓީ ޓޫލްސް އަދި އާލާތްތައް ވަގުތީ ގޮތުން ފޯރުކޮށްދިނުން ވެސް އެ އިދާރާއިން ކުރަން ޖެހޭނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.