ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ބިލަށް ބަހުސްކުރައްވަމުން އޭނާ ވިދާޅުވީ އެމްޑީޕީގެ ލީޑަރުންގެ ސަބަބުން ޕާޓީ ދޫކޮށް މެންބަރުން ދިޔަ ކަމަށާއި އޭނާ ވެސް ޕާޓީ ދޫކޮށްލީ ކުރާ މަސައްކަތް ބަލައިނުގަނެ ބާކީކޮށްލުމުން ކަމަށެވެ.
“އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކީ ގިނަ ދުވަހު މަސައްކަތްކުރި ޕާޓީ ބަދަލުކުރީ، އެޕާޓީގެ ލީޑަރުން އަޅުގަނޑު ބަލައިނުގަނެ އަޅުގަނޑު ނޫން ގޮތެއް ހޯދަން ވިލަރެސް ކޮމިޓީގައި ވިދާޅުވެފައި އޮތީމަ، މިއަދު ރާއްޖޭގެ ރައްޔިތުންނަށާ އަޅުގަނޑު ދާއިރާގެ ލޮބުވެތި ރައްޔިތުންނަށް ދަންނަވަން.” ހަސަންޓެ ވިދާޅުވިއެވެ.
އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ޕާޓީ ދޫކޮށް ޕީއެންސީއަށް ސޮއިކޮށްފައިވާއިރު އޭގެތެރޭގައި ހަސަންޓެ ވެސް ހިމެނެއެވެ. ޕާޓީ ބަދަލުކުރި ސަބަބެއް މީގެ ކުރިން ހަސަންޓެ ހާމައެއް ނުކުރައްވައެވެ. އެހެންނަމަވެސް މިއަދުގެ ޖަލްސާގައި އެކަން ހާމަކުރައްވަމުން ހަސަންޓެ ވިދާޅުވީ ޕާޓީތަކުގެ ލީޑަރުން ވެސް ރަނގަޅުވާނެ ޖެހޭ ކަމަށާއި މެންބަރުންގެ އިޚުލާސްތެރިކަން ބަލައިގަންނަން ޖެހޭ ކަމަށެވެ.
ހަސަންޓެ ވިދާޅުވި ގޮތުގައި އެމްޑީޕީ ހަލާކުކުރަމުން ދަނީ އެޕާޓީގެ އިސް ސަފުގައި ތިބި މެންބަރުންނެވެ. އެބޭފުޅުންގެ އަމަލުފުޅުތައް ބަހައްޓާ ގޮތުން ޕާޓީގެ އެހެން ބޭފުޅުންގެ އިތުބާރު ޕާޓީއަށް ގެއްލި ސަރުކާރާއި ގުޅެން ނިންމީ ކަމަށް ވިދާޅުވިއެވެ. އަދި ތެދުވެރިކަމާއެކު ސާބިތުބެ ސަރުކާރާއެކީ ހުންނާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.