ކޮވިޑް-19ގައި ހާލު ބޮޑުވި މީހުންނަށް ފަރުވާ ދިނުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން ކުރީގެ ސަރުކާރުން ރާއްޖެ ގެންނަން ނިންމި ވެންޓިލޭޓަރުތައް ނުގެނައި މައްސަލާގައި އެ ކުންފުނިން ދިވެހި ސަރުކާރަށް ދޭން ޖެހޭ 32 މިލިއަން ރުފިޔާގެ ބަދަލު ހޯދަން ދުބާއީގެ ކޯޓުތަކަށް ހުށަހެޅުމުގެ މަސައްކަތް ފަށައިފި އެވެ.
ވެންޓިލޭޓަރުތައް ހޯދަން ފެބްރުއަރީ 2، 2020ގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހެލްތު މިނިސްޓްރީ އާއި އެގްޒެކިއުޓާސްއާ އެކު ހެދި އެއްބަސްވުމާ އެ ކުންފުނިން ހިލާފުވެފައި ވާތީ އެ މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގަ އެވެ.
ރާއްޖެ އިން އެދުނީ އެގްޒެކިއުޓާސް އިން ފޯރުކޮށްނުދޭ ވެންޓިލޭޓަރުތަކުގެ އަގަށް ވާ ފައިސާ އާއި ވެންޓިލޭޓަރުތައް ގެނެސް ދީފައި ނުވާތީ ދިވެހި ސަރުކާރަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށެވެ.
އާބިޓްރޭޝަންގެ އެއްވެސް އަޑުއެހުމަކަށް ވެސް އެ ކުންފުނިން ހާޒިރުވެފައިނުވާއިރު، އާބިޓްރޭޝަނުން ނިންމާފައިވަނީ ބަދަލާ އެކު، އާބިޓްރޭޝަނަށް ދައްކަން ޖެހޭ ފައިސާއާއެކު 32 މިލިއަން ރުފިޔާ ދޭން ޖެހޭނެ ކަމަށެވެ.
ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ފައިސާ ހޯދާނެ ގޮތަކާމެދު “މިހާރު”ން ސުވާލުކުރުމުން ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ، އާބިޓްރޭޝަން ކުރިއަށް ދިޔައިރު، ވެސް އެކުންފުނި ވީ ތަން ނޭނގޭ ކަމަށާއި އެއްވެސް ބަޔާނެއް ވެސް ހުށަހަޅާފައިނުވާ ކަމަށެވެ.