މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ވިއްސާރަ ދުވަސްވަރު ފެންބޮޑުވާ މައްސަލައަށް ހައްލެއް ހޯދުމަށް އެމްޓީސީސީން ދެ ޕަންޕު ސްޓޭޝަން ބަހައްޓަން ފަށައިފިއެވެ.
އެމްޓީސީސީއިން ހާމަކުރާ ގޮތުގައި، މާލޭގެ ފެންބޮޑުވުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް ބޮޑުތަކުރުފާނު މަގުގައި ދެ ޕަންޕު ސްޓޭޝަން ބެހެއްޓުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި މަޝްރޫއަކީ މާލޭގެ ނަރުދަމާގެ ނިޒާމު ހަރުދަނާކޮށް، ވާރޭވެހޭއިރު މަގުތަކުގައި ފެންބޮޑުވުން ކުޑަކުރުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.
އެގޮތުން، މަސްވެރިންގެ ޕާކު ސަރަޙައްދުގައި ގާއިމުކޮށްފައިވާ “ޕަންޕު ސްޓޭޝަން 2” އިއްޔެ (13 އޮގަސްޓް 2026) ގައި ވަނީ ކާމިޔާބުކަމާއެކު ކޮމިޝަންކޮށްފައެވެ. އަދި މީގެ އިތުރުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ކައިރީގައި ހުންނަ “ޕަންޕު ސްޓޭޝަން 1” މާދަމާ (15 އޮގަސްޓް 2026) ގައި ކޮމިޝަން ކުރުމަށް ވަނީ ތާވަލުކުރެވިފައެވެ.
އެމްޓީސީސީއިން ބުނީ މި ޕަންޕު ސްޓޭޝަންތަކުގެ ސަބަބުން، ވިއްސާރަ މޫސުމުގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މަގުތަކުގައި ފެންބޮޑުވުމުގެ ބޮޑު މައްސަލައަށް ދާއިމީ އަދި ފައިދާހުރި ޙައްލެއް ލިބި، ބޮޑުތަކުރުފާނު މަގުން ބޮޑުވާ ފެން ހިންދުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ.
މާލޭގެ ބޮޑުތަކުރުފާނު މަގަކީ ވިއްސާރަ ދުވަސްވަރު ބޯކޮށް ވާރޭވެހުމުގެ ސަބަބުން އަބަދުވެސް ފެންބޮޑުވުމުގެ މައްސަލަ ބޮޑުކޮށް ކުރިމަތިވާ ސަރަޙައްދެކެވެ. ޚާއްޞަކޮށް އެމްއެމްއޭ އާއި މަސްވެރިންގެ ޕާކު ހިމެނޭ ސަރަޙައްދަކީ ދަތުރުފަތުރުކުރާ އާންމުންނަށާއި ވިޔަފާރިތަކަށް މީގެ ސަބަބުން ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހޭ ސަރަޙައްދުތަކެކެވެ. މި މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމުގެ ގޮތުން، ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ތެރެއިން ސްޓޯމްވޯޓާ ނެޓްވޯކް (ފެންހިންދާ ނިޒާމު) ވަރުގަދަކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ޙަވާލުކުރިއެވެ.
މިހާރު ކުރިއަށްދާ ޕަންޕު ސްޓޭޝަންތައް ކޮމިޝަންކުރުމުގެ މަސައްކަތަކީ، މަގުތަކުން ފެން ހިންދުމުގެ ޤާބިލުކަން އިތުރުކޮށް، ގިނަ ދުވަސްތަކެއް ވެފައިވާ މި ޝަކުވާއަށް ނިމުމެއް ގެނައުމަށްޓަކައި ކުރެވޭ އެންމެ މުހިންމު އެއް މަސައްކަތެވެ.