އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ނޭޝަނަލް ކާޑިއެކް ސެންޓަރަށް 10އަހަރު ފުރުމުގެ މުނާސަބާ މިއަދު ފާހަގަކޮށްފިއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު އެވެ.މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު ދަރުމަވަންތަ ހޮސްޕިޓަލުގައެވެ. މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަޑައިގެންނެވުމުން، އެކަމަނާއަށް މަރުޙަބާ ދެންނެވީ، މާލޭސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމެވެ.
މީގެއިތުރުން، ނޭޝަނަލް ކާޑިއެކް ސެންޓަރުގެ އާ ނަމެއްގެ ގޮތުގައި “ކާޑިއޯ ވެސްކިއުލަރ ސައިންސާ ބެހޭ ޤައުމީ މަރުކަޒު” ހަމަޖައްސަވައި، އެ މަރުކަޒުގެ އާ ލޯގޯ މެޑަމް ސާޖިދާ ވަނީ އިފްތިތާހުކޮށްދެއްވާފައެވެ. ހަމަމިއާއެކު،ސެންޓަރަށް 10 އަހަރު ފުރުމާ ގުޅިގެން ތައްޔާރުކުރި ޚާއްޞަ ވީޑިއޯ ރިޕޯޓްވެސް މި ރަސްމިއްޔާތުގައި އެކަމަނާ ބައްލަވައިލެއްވިއެވެ.
މި ބަދަލަކީ ހަމައެކަނި ހިތުގެ ބަލިތަކުގެ އިތުރުން ލޭހޮޅިތަކާ ގުޅުންހުރި ހުރިހާ ފަރުވާއެއް ފުޅާދާއިރާއެއްގައި ދޭ މަރުކަޒަކަށް ހެދުމުގެ މަޤްޞަދުގައި ގެނައި ބަދަލެކެވެ.