އިންޑިއާއިން ދިވެހިރާއްޖެއަށް އެކްސްޕޯޓްކުރާ ޕެޓްރޯލިއަމްގެ އުފެއްދުންތަކުން (ޕެޓްރޯލާއި ޑީސަލުން) ނަގަމުން އައި ޓެކްސްތަކެއް މާފުކުރުމަށް އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.
އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް އިންޑައިރެކްޓް ޓެކްސަސް އެންޑް ކަސްޓަމްސް އިން ހާމަކޮށްފައިވާ ގޮތުގައި، މި ބަދަލާއެކު ރާއްޖެއަށް ފޮނުވާ ތެލުން ނަގާ ސްޕެޝަލް އެޑިޝަނަލް އެކްސައިޒް ޑިއުޓީ އަދި ރޯޑް އެންޑް އިންފްރާސްޓްރަކްޗަރ ސެސްސްޕެޝަލް އެޑިޝަނަލް އެކްސައިޒް ޑިއުޓީ އަދި ރޯޑް އެންޑް އިންފްރާސްޓްރަކްޗަރ ސެސް ވަނީ މާފުކޮށްދީފައެވެ. މީގެ ކުރިން މި ދެ ޓެކްސް ނެގުމުން އިސްތިސްނާވަނީ ނޭޕާލް، ބޫޓާން، ބަންގްލަދޭޝް އަދި ސްްރީލަންކާ އެކަންޏެވެ. ނަމަވެސް، އަލަށް ގެނައި އިޞްލާޙާއެކު ރާއްޖެއާއި މޮރިޝަސް މި ލިސްޓަށް ވަނީ އިތުރުކޮށްފައެވެ.
އިންޑިއާގެ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ރާއްޖެއަށް ފޮނުވާ ތެލުގެ އަގު މި ބަދަލާއެކު ހެޔޮވާނެ ކަމަށް ލަފާކުރެވެއެވެ. ޚަބަރުތަކުން އެނގޭގޮތުގައި، މީގެ ކުރިން އިންޑިއާއިން އެޤައުމުން ބޭރުކުރާ ޕެޓްރޯލް ލީޓަރަކުން 4 ރުޕީސް އަދި ޑީސަލް ލީޓަރަކުން 8.5 ރުޕީސް އެކްސައިޒް ޑިއުޓީގެ ގޮތުގައި ނަގަމުންދިޔައެވެ.
ރާއްޖެއިން އާންމުކޮށް އެންމެ ގިނައިން ތެޔޮ އެތެރެކުރަނީ އޮމާން، މެލޭޝިއާ، ސިންގަޕޫރު އަދި ޔޫއޭއީ ފަދަ ޤައުމުތަކުންނެވެ. ނަމަވެސް، މެދުއިރުމަތީގެ މަސްރަޙު ގޯސްވެ، ދަތުރުފަތުރަށް ބުރޫއަރަމުންދާ ދަނޑިވަޅެއްގައި، އިންޑިއާއިން މިފަދަ ލުޔެއް ދިނުމަކީ ރާއްޖެއަށް ބޭނުންވާ ތެޔޮ ހެޔޮ އަގުގައި ހޯދުމަށް ހުޅުވިގެންދިޔަ މުހިންމު ފުރުޞަތެކެވެ.