ސިވިލް ސަރވިސްގެ މުވައްޒަފުން އޮފީހަށް ހާޒިރުވުމުގައި ދިމާވާ ކުއްލި ދަތިތަކަށް ލުޔެއް ދިނުމުގެ ގޮތުން، ރަސްމީ ގަޑި ފެށޭފަހުން 30 މިނިޓުގެ ލުއި ވަގުތެއް (ބަފަރ ޓައިމް) ދިނުމަށް ސިވިލް ސަރވިސް ގަވާއިދަށް އިޞްލާޙު ގެނެސްފިއެވެ.
ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން ހާމަކުރި ގޮތުގައި، މި ބަދަލުގެ ދަށުން އޮފީސް ފެށޭ ގަޑިން ފެށިގެން ފުރަތަމަ 30 މިނިޓު ތެރޭގައި އޮފީހަށް ހާޒިރުވާ މުވައްޒަފުން ކުރިން ހުއްދަ ހޯދާކަށް ނުޖެހޭނެއެވެ. ނަމަވެސް، 30 މިނިޓަށްވުރެ ލަސްވެއްޖެ ނަމަ ބެލެވޭނީ ގަޑިޖެހުނީ ކަމަށެވެ.
މި ލުއި ބޭނުންކުރާ މުވައްޒަފުން އެ ދުވަހަކު ލަސްވި ވަގުތުކޮޅު، ޑިއުޓީ ނިމޭ ގަޑިއަށް އިތުރުކޮށްގެން މަސައްކަތުގެ ޖުމްލަ ގަޑި ހަމަކުރަން ޖެހޭނެއެވެ. އެގޮތުން ހެނދުނު 8:15 ގައި އޮފީހަށް އަންނަ މުވައްޒަފެއްގެ ޑިއުޓީ ނިމޭނީ މެންދުރުފަހު 2:15 ގައެވެ. އަދި ލަސްވި ސަބަބު ބަޔާންކޮށް، އެ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެޗް.އާރަށް އަންގަންޖެހެއެވެ.
ސީއެސްސީ އިން މައުލޫމާތު ދިން ގޮތުގައި،މި ލުއި ހުރިހާ މުވައްޒަފުންނަށް ލިބުނު ނަމަވެސް، އޮފީސް ހުޅުވައި ލައްޕާ މީހުންނާއި، ޝިފްޓް ޑިއުޓީ ކުރާ މުވައްޒަފުން މި އުޞޫލުން އިސްތިސްނާވެއެވެ. މީގެ އިތުރުން ރަސްމީ ގަޑި ފެށޭއިރު އާންމުންނަށް ސީދާ ޚިދުމަތް ދޭން ތިބޭ މުވައްޒަފުންނަށްވެސް މި ލުޔެއް ނުލިބޭނެއެވެ.
މި ލުއި ނުލިބޭ ގޮތަށް ކަނޑައަޅާފައިވާ މުވައްޒަފަކަށް ލުއި ދެވޭނީ، އެ މުވައްޒަފަކު މަސައްކަތްކުރާ އިދާރާއަކުން ސިވިލް ސަރވިސް ކޮމިޝަނަށް ޚާއްޞަ ހުށަހެޅުމެއް ހުށަހަޅައިގެން އެކަނިކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.
ބަފަރ ޓައިމް އަކީ ކަމެއް ކުރުމަށް ކަނޑައެޅިގެން ހަމަޖެހިފައިވާ ރަސްމީ ވަގުތުގެ ބޭރުން، ދިމާވެދާނެ ކުއްލި ޙާލަތަކަށް ނުވަތަ ލަސްވުމަކަށް ރިޢާޔަތްކޮށް އިތުރަށް ދެވޭ “ލުއި ވަގުތު” ނުވަތަ “ރައްކާތެރިކަމުގެ ބާގީ ވަގުތެވެ.”ސިވިލް ސަރވިސްގެ ޢިބާރާތުން ނަމަ، މިއީ އޮފީހަށް ހާޒިރުވާންޖެހޭ ރަސްމީ ގަޑި ފެށޭފަހުން މުވައްޒަފުންނަށް ދެވޭ 30 މިނިޓުގެ ފްލެކްސިބަލް ވަގުތެވެ.