މި އަހަރުގެ މެއި މަހު ޒަކާތު ފަންޑަށް 7.59 މިލިއަން ރުފިޔާ ބަލައިގަނެ، އެ ފަންޑުން 2.7 މިލިއަން ރުފިޔާ ބަހައިފިކަމަށް މޯލްޑިވްސް ޒަކާތު ހައުސް އިން ހާމަކޮށްފިއެވެ.
މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކުރި ގޮތުގައި މިއަހަރުގެ މޭ މަހު މުދަލު ޒަކާތުގެ ގޮތުގައި 7.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ބަލައިގަނެފައެވެ. އަދި ހަމަ އެ މަހުގެ ތެރޭގައި އެކި އެހީތަކަށާއި މަޝްރޫއުތަކަށް ޒަކާތު ފަންޑުން 2.6 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފައެވެ.
ޒަކާތު ހައުސްގެ ތަފާސްހިސާބަށްބަލާއިރު، މިދިޔަ އަހަރުގެ މޭ މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު 4.33 މިލިއަން ރުފިޔާއާ އަޅާބަލާއިރު، މިއަހަރުގެ މޭ މަހު ލިބުނު އާމްދަނީ ވަނީ 75.3 އިންސައްތަ އިތުރުވެ 7.59 މިލިއަން ރުފިޔާއަށް އަރާފައެވެ. ޒަކާތް ދެއްކި މިންވަރު މިހާ ބޮޑަށް އިތުރުވުމުން އެނގެނީ ޒަކާތުގެ މުހިންމުކަމާއި ރަސްމީ ނިޒާމަށް އާންމުން ކުރާ އިތުބާރު ބޮޑުވަމުންދާ ކަން ކަމަށް ޒަކާތު ހައުސް އިން ބުނެއެވެ.
ޒަކާތު ހައުސް އިން މައުލޫމާތު ދިންގޮތުގައި، މެއި މަހު ޒަކާތު ފަންޑުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ފަގީރުންނާއި މިސްކީނުންނަށެވެ. އެގޮތުން ބޭސްފަރުވާއަށް ބޭނުންވި ފަރާތްތަކަށް ދޫކުރި 1.45 މިލިއަން ރުފިޔާއާއި، ޒަރޫރީ ބޭނުންތައް ފުއްދުމަށް ދަތިވެފައިވާ ފަރާތްތަކަށް ދޫކުރި 31،000 ރުފިޔާއާއެކު ޖުމްލަ 1.48 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ އެހީގެ ގޮތުގައި ދޫކޮށްފައެވެ.
މީގެއިތުރުން، އެ ތަފާސްހިސާބުތަކަށް ބަލާއިރު، އިސްލާމީ އިލްމު ކުރިއެރުވުމަށާއި ތައުލީމީ ދާއިރާއަށް އެހީވުމުގެ ގޮތުން، ފީސަބީލިﷲ ބައިން މޭ މަހު ޖުމްލަ 1.03 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މީގެ ތެރޭގައި ގުރުއާން ހިތުދަސްކުރުމުގެ ޕްރޮގްރާމްތަކަށް ހޭދަކުރި 753,239.02 ރުފިޔާއާއި، ދީނީ ފޮތްތައް ތަރުޖަމާކުރުމަށް ދޫކުރި 246,989.40 ރުފިޔާގެ އިތުރުން، މަތީ ތައުލީމަށް އެހީވުމަށް ދޫކުރި 37,008.00 ރުފިޔާ ހިމެނެއެވެ.
ޒަކާތު ހައުސްއިން ބުނިގޮތުގައި މި ތަފާސްހިސާބުތަކަކީ ފިނޭންސް މިނިސްޓްރީގެ އެސް.އޭ.ޕީ ސިސްޓަމްގައިވާ ރެކޯޑުތަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ހިސާބުތަކެކެވެ. އަދި ފަހުން ލިބޭ މައުލޫމާތުތަކާއި އިތުރުވާ އެންޓްރީތަކާ ގުޅިގެން މި ހިސާބުތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އެ އިދާރާއިން ފާހަގަކުރެއެވެ.
މޯލްޑިވްސް ޒަކާތު ހައުސްއަކީ ޒަކާތުގެ ނިޒާމު ހަރުދަނާކޮށް، އާންމުންގެ މެދުގައި އިތުބާރު ބޮޑުކުރުމަށްޓަކައި ސަރުކާރުން އަލަށް އުފެއްދެވި ޚާއްޞަ އިދާރާއެކެވެ.