މޯލްޑިވްސް ސިވިލް ސަރވިސް ކޮމިޝަން އިން އިންތިޒާމުކޮށްގެން ބާއްވާ 5 ވަނަ “ދިވެހި ސިވިލް ސަރވިސް ކޮންފަރެންސް 2026 ފަށައިފިއެވެ.
“ފިއުޗަރ – ރެޑީ ރެސްޕޮންސިވް ގަވަރނަންސް” ގެ ޝިޢާރުގެ ދަށުން ބާއްވާ މި ކޮންފަރެންސް ކުރިއަށްދާނީ ޖޫން 15 ގެ ނިޔަލަށެވެ.
މި ކޮންފަރެންސް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. އިސްމާޢީލް ޝަފީޢުއެވެ. ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ދައުލަތުގެ ނިޒާމުން ކޮރަޕްޝަން ނައްތާލުމުގައި އެންމެ ބޮޑު އިސްނެގުމެއް ނެރެވޭނީ ސިވިލް ސާވަންޓުންނަށް ކަމަށެވެ. އަދި އިދާރީ ކޮރަޕްޝަނެއް ނެތި މާލީ ކޮރަޕްޝަން ނުހިންގޭނެތީ، ސަރުކާރުގެ މުއައްސަސާތަކުގެ ނަޒާހަތްތެރިކަން ހިފެހެއްޓުމުގެ ބޮޑު ޒިންމާއެއް މުވައްޒަފުންގެ ބޮލުގައި އެޅިފައިވާކަން ފާހަގަކުރެއްވިއެވެ.
ކޮންފަރެންސްގެ ފުރަތަމަ ދުވަހު ސިވިލް ސަރވިސް ކޮމިޝަންގެ ކޮމިޝަނަރ ޑރ. ދީބާ މޫސާ ވަނީ ސިވިލް ސަރވިސްގެ ފެންވަރު ރަނގަޅުކުރުމުގައި ސިންގަފާތުކަމާއި ބައިވެރިވުންއޮތުމުގެ މުހިއްމުކަމާ ބެހޭގޮތުން ކީނޯޓް ތަޤުރީރެއް ދެއްވާފައެވެ. މީގެ އިތުރުން، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ދައުލަތުގެ އިދާރާތައް ފަރުމާކުރުމާ ބެހޭ ދިރާސާ ކަރުދާހެއްވެސް މިއަދުގެ ސެޝަންތަކުގައި ވަނީ ހުށަހަޅާފައެވެ.މި ކޮންފަރެންސްގައި ސިވިލް ސަރވިސްގެ އެކި އިދާރާތަކުން 200 އަށްވުރެ ގިނަ އިސްވެރިން ބައިވެރިވެއެވެ.