މޯލްޑިވްސް ނޭޝަނަލް ސާވިސް (ދިވެހި ވަތަނީ ހިދުމަތް) ޕްރޮގްރާމްގެ ދަށުން ފަންނީ ތަމްރީނު ފުރިހަމަކުރުމަށް 77 ބައިވެރިއަކު ބ. ކިހާދުއަށް ފުރައިފިއެވެ.
މިކަމާއި ގުޅިގެން ރައީސް ޑރ މުހައްމަދު މުއިއްޒު ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ،އަމިއްލަ ނަފުސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ރައްޔިތެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ ދެވަނަ ބެޗް ފުރިހަމަ ކުރި ޒުވާނުންގެ ތެރެއިން، ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގައި ބައިވެރިވުމަށް ކުރިމަތިލި ބައިވެރިން ބ. ކިހާދޫގައި ޤާއިމު ކޮށްފައިވާ އެމް.އެން.ޑީ.އެފްގެ ސްކޫލް އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސް އަށް ފުރާފައިވާ ކަމަށެވެ.
ރާއްޖޭގެ 17 އަތޮޅެއްގެ 50 ރަށަކަށް ނިސްބަތްވާ، 16 އަހަރާއި 19 އަހަރާއި ދެމެދުގެ 77 ޒުވާނުން ބައިވެރިވާ މި ތަމްރީނުގައި ތަފާތު 6 ފަންނީ ދާއިރާތަކުން ތަމްރީނު ފުރިހަމަކުރުމުގެ ފުރުޞަތުލިބިގެން ދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ދވެހި ވަޠަނީ ޚިދުމަތް ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން ސަރުކާރުން ފައްޓަވާފައިވާ ޕްރޮގްރާމެކެވެ.މި ތަމްރީނުތައް ކާމިޔާބުކަމާއެކު ނިންމާލާ ބައިވެރިންނަށް ގައުމީ ސަނަދުގެ ލެވެލް 3 ގެ ސެޓްފިކެޓެއް ލިބެއެވެ. މިއީ އެކުދިންނަށް ވަޒީފާގެ މާހައުލަށް ވަނުމަށް ނުވަތަ މަތީ ތައުލީމަށް ކުރިއަށްދިއުމަށް ލިބޭ ފަހި ފުރުސަތެކެވެ.