ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް، ދަފްތަރު ނަންބަރު ރސ 535،އަލްއުސްތާޛު ޢަލީ ނަޞީރު ޤާސިމް މިއަދު ޢައްޔަން ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އަލްއުސްތާޛު ޢަލީ ނަޞީރު ޤާސިމް ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ. ޢަލީ ނަޞީރު ޤާސިމަށް މެންބަރުކަމުގެ ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިނެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވިކަމުގެ ލިޔުން އަލްއުސްތާޛު ޢަލީ ނަޞީރު ޤާސިމާއި ޙަވާލުކޮށްދެއްވާފައެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުން އައްޔަންކުރުމާއި، ވަކިކުރުމާއި އަދި ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމުގެ ގާނޫނީ ޒިންމާ މަތިކޮށްފައިވާ އެންމެ މުހިންމު މުއައްސަސާއެވެ.
ޖޭއެސްސީ އެކުލެވިގެންވަނީ ޖުމްލަ 10 މެންބަރުންގެ މައްޗަށެވެ.