އާރުޓީއައި ގާނޫނުގެ ދަށުން، ކާކުކަން ނޭނގޭ ފަރާތްތަކުންނާއި އޮޓޮމޭޓެޑް ‘ބޮޓް’ ތައް ބޭނުންކޮށްގެން ގިނަ އަދަދެއްގެ ހުށަހެޅުންތައް އަންނަމުންދާކަމަށާއި ސައްހަ އާރުޓީއައިތަކަށް ޖަވާބުދޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި ތަރުޖަމާނު ވިދާޅުވީ،އެއްފަހަރާ ގިނަ އަދަދެއްގެ އާރުޓީއައި ފޮނުވުމުގެ ސަބަބުން، އިދާރާތަކުގެ ރިސޯސްތަކަށް ބާރުބޮޑުވެ، ހަގީގީ ބޭނުންތަކުގައި މައުލޫމާތު ހޯދަން އެދޭ މީހުންނަށް ޖަވާބުދޭން ވަގުތު ނުލިބޭ ކަމަށެވެ. ރައީސް އޮފީހަށް ހުށަހަޅާފައިވާ އާރުޓީއައިތަކަށް ޖަވާބުދިނުމާ ގުޅޭގޮތުން މުންދު ވިދާޅުވީ، ސަރުކާރުގެ މަގުސަދަކީ ލަސްނުކޮށް ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ.
މުންދު ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރު އައިފަހުން ރައީސް އޮފީހަށް ލިބުނު އާރުޓީއައިތަކުގެ ބޮޑު އިންސައްތައަކަށް ވަނީ ޖަވާބުދީފަ އެވެ. ނަމަވެސް، ‘ބޮޓް’ ތަކުން ފޮނުވާ ހުށަހެޅުންތަކުގެ ސަބަބުން އިދާރީ ގޮތުން ބައެއް ލަސްތައް ކުރިމަތިވާކަން އޭނާ ފާހަގަކުރެއްވިއެވެ.