ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެންޕީއެމް) އިން ނެރުނު ރިޕޯޓާ ގުޅިގެން ބައެއް މީޑިއާތަކުން ހަބަރު ގެނެސްދީފައިވާ ގޮތާމެދު މޯލްޑިވްސް ޕޮލިސް ސާވިސްއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ރިޕޯޓުގެ އަސްލު މަގްސަދާއި އޭގައިވާ ކަންކަމުގެ ފުންމިނަށް ބެލުމެއް ނެތި، ބައެއް މީޑިއާތަކުން ބޭނުންކޮށްފައިވާ ބަސްމަގާއި މާނަކޮށްފައިވާ ގޮތާމެދު އެ މުއައްސަސާއިން ހިތްހަމަނުޖެހޭ ކަމަށެވެ.
ފުލުހުން ފާހަގަކުރެއްވި ގޮތުގައި، މި ރިޕޯޓުގައި ހިމެނޭ ހޯދުންތަކަކީ ހިދުމަތްތައް އިސްލާހުކުރުމަށް ދީފައިވާ އިރުޝާދުތަކަކާއި ލަފާތަކެކެވެ. މިއީ ގާނޫނީ ގޮތުން ކުށެއް ނުވަތަ ނުރަނގަޅު އަމަލެއް ހިންގާފައިވާކަން ކަނޑައަޅާ ނިންމުންތަކެއް ނޫންކަން ފުލުހުން ވަނީ ވިދާޅުވެފައެވެ.އަދި މުއައްސަސާތަކަށް ކުރިމަތިވެފައިވާ ވަސީލަތްތަކާއި އޮޕަރޭޝަނަލް ގޮންޖެހުންތަކަށް ރިއާޔަތްނުކޮށް ހަބަރު ފަތުރާފައިވާކަންވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.