ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް 7 މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރައްވާފައިވަނީ ރައީސްގެ ދެކަނބަލުންނަށް މަރުޙަބާ ދެންނެވުމަށް ލަންކާގެ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.
ދެ ޤައުމުގެ ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ފަތުރުވެރިކަމާއި، އަރުޝީފު ބެލެހެއްޓުމާއި، ކުޅިވަރާއި ޒުވާނުން ތަރައްޤީކުރުމުގެ ދާއިރާ ހިމެނެއެވެ. މީގެ އިތުރުން ތަޢުލީމީ ދާއިރާއިން މުދައްރިސުންނާއި ސްކޫލް ލީޑަރުން ތަމްރީނުކުރުމަށާއި، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމުގެ ތަޢުލީމު ކުރިއެރުވުމުގެ އިތުރުން، ދިފާޢީ ދާއިރާއިން ތަޢުލީމާއި ދިރާސާ ކުރުމުގެ އެއްބަސްވުންތައް ހިމެނެއެވެ.
މިއީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ދިސާނަޔަކަގެ ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅަކީ ރާއްޖެއާއި ލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމާ ދިމާކޮށް، ދެ ޤައުމުގެ އިތުބާރު ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ބުނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ޝަރަފުގައި ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެ ދެއްވި ރަސްމީ ޖާފަތެއްގައި ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.ސްރީލަންކާއަކީ ރާއްޖޭގެ އިތުބާރު ބޮޑު އަދި ވަރަށް ގާތް އަވަށްޓެރި ބައިވެރިއެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި ރަޙްމަތްތެރިކަމަކީ ތަޢުލީމާއި ޞިއްޙީ ދާއިރާގެ އިތުރުން، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ޒަމާންވީ އުޚުއްވަތްތެރި ގުޅުމުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުމެއްކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ.