ބައެއް ސިޔާސީ ޕާޓީތަކުން މިދުވަސްވަރު ކުރިއަށްގެންދާ ހަރަކާތްތަކަކީ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ހިންގާ ހަރަކާތްތަކަކަށް ހެދުމަށް އިލެކްޝަންސް ކޮމިޝަނުން ދެ ސިޔާސީ ޕާޓީއަކަށް އަންގައިފިއެވެ.
މިކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ސިޓީ ފޮނުވާފައިވަނީ އިދިކޮޅު މައި ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަދި ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އަށެވެ.
އިލެކްޝަންސް ކޮމިޝަނުން އިއްޔެ ފޮނުވި ސިޓީގައި ބަޔާންކޮށްފައިވަނީ، މި ދެ ޕާޓީން މާލޭގައި ސިލްސިލާކޮށް ކުރިއަށްގެންދާ ސިޔާސީ ހަރަކާތްތަކުގައި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ވާހަކަ ދައްކަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އާންމުންގެ މެދުގައި ނަފުރަތު އުފެދޭ ގޮތަށާއި، ހަމަނުޖެހުމަށް ހިތްވަރު ލިބޭގޮތަށް މި ހަރަކާތްތައް ހިންގަމުންދާ ކަމަށްވެސް ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.
މި ސިޓީގައި ކޮމިޝަނުން ބަޔާންކޮށްފައިވާ ގޮތުގައި، ސިޔާސީ ހަރަކާތްތައް ހިންގަންވާނީ “ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު” ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ. އެހެންކަމުން، މި ދުވަސްވަރު ބާއްވާ އެއްވުންތަކާއި ހަރަކާތްތަކުގައި ޤާނޫނާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލެނބުމަށް ވަނީ އަންގާފައެވެ.
މީގެ އިތުރުން، ސިޔާސީ ޕާޓީތަކުގެ ސުލޫކީ މިންގަނޑާ ހިލާފަށް، ޕާޓީތަކުގެ ވެރިންނާއި މެންބަރުންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް ފާޑުނުކިޔުމަށާއި، މުޖުތަމައުގައި ރުޅިވެރިކަން އުފެދޭ ފަދަ ހަގީގަތާ ހިލާފު ވާހަކަތައް ނުދެއްކުމަށް ކޮމިޝަނުން ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ޤާނޫނީ ހުދޫދުން ބޭރުގައި، މަގުތަކާއި އާންމު މައިދާންތަކުގައި އެއްވުންތައް ނުބޭއްވުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަނުން އިތުރަށް ބުނެފައިވަނީ، ޤާނޫނީ ހުދޫދުގެ ތެރެއިން ސުލްހަވެރިކަމާއެކު ކުރިއަށްގެންދާ ސިޔާސީ ހަރަކާތްތަކަށް އެ ކޮމިޝަނުން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށެވެ. މިކަމާ ގުޅިގެން ކޮމިޝަނުން މި ފިޔަވަޅު އަޅާފައިވަނީ، ރާއްޖޭގެ ސިޔާސީ މަސްރަހުގައި އުފެދެމުންދާ ނުތަނަވަސްކަން ކުޑަކޮށް، ޤާނޫނީ އިމުގެ ތެރެއިން ކަންކަން ކުރިއަށް ގެންދިއުމަށް ބާރުއެޅުމުގެ ގޮތުންނެވެ.