ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ޒިންމާދާރުކަމާއެކު ބޭނުންކުރަންޖެހޭ ހައްގެއް ކަމަށާއި، އެ މިނިވަންކަން ބޭނުންކުރަންވާނީ އިސްލާމްދީނާއި ގާނޫނީ އިމުގެ ތެރެއިންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރައްވައި ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، ރާއްޖޭގެ ނޫސްވެރިންނަށް ގާނޫނުއަސާސީން ފުރިހަމަ މިނިވަންކަން ލިބިދީފައިވާއިރު، އެ ހައްގު ރައްކާތެރިކޮށް އިތުރަށް ހަރުދަނާކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ. އަދި ދުނިޔޭގެ ނިސްބަތުން ނޫސްވެރިކަމުގެ މިނިވަންކަން އެންމެ މަތީ ފެންވަރުގައި ހިފަހައްޓާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެންޖެހޭކަން ފާހަގަކުރައްވައި، މުޖުތަމައުގައި ހުންނަ ބޭއިންސާފާއި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގައި ނޫސްވެރިކަމަކީ މުހިންމު ދައުރެއް އަދާކުރާ ދާއިރާއެއްކަމަށް ޝަހީމް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަމަށް ދެއްވާ އަހަންމިއްޔަތު ފާހަގަކުރައްވަމުން ޑރ. ޝަހީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ކޮންމެ ހަފުތާއަކު ނޫސްވެރިންނާ ބައްދަލުކުރައްވައި ސީދާ ޖަވާބު ދެއްވުމާއި، ވަޒީރުންވެސް އެ މަގަށް އަމަލުކުރުމަށް ބާރުއެޅުއްވުމަކީ ދެފުށް ފެންނަ ސިޔާސަތެއްގެ ދަށުން މައުލޫމާތު ފޯރުކޮށްދިނުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ.
ނަމަވެސް، ފަހަކަށް އައިސް ބައެއް މީޑިއާތަކާއި ސޯޝަލް މީޑިއާ އެކައުންޓުތަކުން ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އާއިލާގެ އިތުރުން ވަޒީރުންގެ އާއިލާތަކަށް އަމާޒުކޮށް، އަބުރަށް އަރައިގަތުމުގެ ދަށު ދަރަޖައިގެ އަމަލުތައް ހިންގަމުންދާތީ ވަޒީރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ކަންކަމަށް ފާޑުކިޔުމަކީ މައްސަލައެއް ނޫން ނަމަވެސް، ޒާތީގޮތުން ދިމާކުރުމާއި އަބުރަށް އަރައިގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ޝަހީމް ވިދާޅުވިއެވެ.
އިސްލާމީ އުސޫލުތަކަށް އަލިއަޅުއްވާލައްވަމުން ޝަހީމް ވިދާޅުވީ، މީހުންގެ އަބުރަށް އަރައިގަތުމާއި ދޮގު މައުލޫމާތު ފެތުރުމަކީ ކީރިތި ގުރުއާނާއި ސުންނަތުގައި ނަހީކުރައްވާފައިވާ ކަންކަން ކަމަށެވެ. އަދި އިންސާނެއްގެ އަބުރާއި އިއްޒަތަކީ އިސްލާމީ ޝަރީއަތުގެ ދަށުން ރައްކާތެރިކުރަންޖެހޭ އެމީހެއްގެ އެންމެ އަގުބޮޑު ރައުސްމާލުކަންވެސް ވަނީ ހަނދާންކޮށްދެއްވާފައެވެ.
އެހެންކަމުން، ނޫސްވެރިކަމުގެ މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަގައި، މުޖުތަމައު ފަސާދަވާނެ ފަދަ ގޮތްގޮތަށް މީޑިއާ ބޭނުންކުރުމުގެ ބަދަލުގައި، އަޚުލާގީ މިންގަނޑުތަކުގެ ތެރެއިން ބިނާކުރަނިވި ނޫސްވެރިކަމެއް ކުރިއެރުވުމަށް ވަޒީރު ވަނީ ގޮވާލައްވާފައެވެ. އަދި ޒިންމާދާރު ނޫސްވެރިން ކުރާ ފަންނީ މަސައްކަތްތައް ބަލައިގަނެ، މުޖުތަމައުގެ ހަމަޖެހުމާއި ސަލާމަތްތެރިކަން ދެމެހެއްޓުމަށް އެންމެހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުން މުހިންމު ކަމުގައިވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.