ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އިތުރަށް ތަރައްގީކުރުމަށް ކުރިއަށްގެންދާ ބޮޑު މަޝްރޫއުގެ ދަށުން، ޓެކްސީވޭ-ޗާލީ އަލުން ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް 2 އޭޕްރިލް 2026 ގައި ފަށައިފި އެވެ.
މި މަޝްރޫއަކީ ވީއައިއޭގެ ހިންގުން ހަރުދަނާކޮށް، އެއަރޕޯޓުގެ ވަސީލަތްތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވީއައިއޭގެ ގިނަ ތަރައްގީގެ މަޝްރޫއުތަކެއް ކާމިޔާބުކަމާއެކު ނިންމާފައިވާ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) އާއެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ބީޔޫސީޖީއާއެކު ސޮއިކޮށްފައިވަނީ 16 އޮކްޓޯބަރު 2024 ގައެވެ. އަދި މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ 10 އޭޕްރިލް 2025 ގައެވެ. މުޅި މަޝްރޫއު ހަތަރު ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު، މިހާރު ފަށާފައިވާ ތިންވަނަ ފިޔަވަހީގެ ދަށުން ޓެކްސީވޭ-ޗާލީގެ 1,100 މީޓަރުގެ ސަރަހައްދެއް އަލުން ތަރައްގީކުރާނެއެވެ. މި ފިޔަވަހީގެ މަސައްކަތް އަންނަ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ނިންމުމަށް ވަނީ ތާވަލުކޮށްފައެވެ.
ޓެކްސީވޭ-ޗާލީއަކީ ވީއައިއޭގެ ތާރީޚާ ވަރަށް ބޮޑަށް ގުޅިފައިވާ ތަނެކެވެ. ޖުމްލަ 3,200 މީޓަރު ދިގު މި ޓެކްސީވޭއަކީ 1976 ވަނަ އަހަރު ވީއައިއޭގައި އެންމެ ފުރަތަމަ ބޭނުންކުރަން ފެށި ރަންވޭއެވެ. މި ރަންވޭއަށް ވައިޑް ބޮޑީ މަތިންދާބޯޓު ޖެއްސޭވަރަށް ފުރަތަމަ ތަރައްގީކުރީ 1981 ވަނަ އަހަރުއެވެ. އޭގެ ފަހުން އެކި ފަހަރުމަތިން މި ރަންވޭ މަރާމާތުކޮށް، ދިގުކޮށްފައިވެއެވެ.
ޚާއްސަކޮށް 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގައި މި ރަންވޭއަށް ލިބުނު ބޮޑެތި ގެއްލުންތަކާ ގުޅިގެން، ރަންވޭގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ގިނަ މަރާމާތުތަކެއް ކުރަން ޖެހުނެވެ. މި ރަންވޭ ޓެކްސީވޭއަކަށް ބަދަލުކުރެވުނީ، އޮކްޓޯބަރު 2022 ގައި މިހާރު ބޭނުންކުރަމުންދާ އައު ކޯޑް އެފް ރަންވޭ ހުޅުވުމާ ގުޅިގެންނެވެ.
މި މަޝްރޫއު ނިމުމުން، ވީއައިއޭގެ ފްލައިޓް އޮޕަރޭޝަންތަކަށް ބޮޑެތި ފަސޭހަތަކެއް ލިބި، އެއަރޕޯޓުގެ ޖާގައާއި ވަސީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.