ގދ. ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިޢުލާނު ކުރައްވައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކާޑެއްދޫ އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޕްލޭނިންގ މަސައްކަތްތައް މިހާރު ނިމުމަކާ ހަމައަށް އައިސްފައިވާ ކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން ގދ. ތިނަދޫއާއި ކާޑެއްދޫ ބްރިޖަކުން ގުޅާލުމަށް ވެސް ވަނީ ނިންމާފައެވެ.
މި މަޝްރޫޢު ކުރިއަށްދާ ސްޕީޑާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަސައްކަތް ބޭނުންވި ބާރުމިނުގައި ކުރިއަށް ނުދިޔައީ ދައުލަތުގެ ސީދާ ބަޖެޓުން ޚަރަދުކުރުމުގެ ބަދަލުގައި، އިންވެސްޓަރ ފައިނޭންސް މޮޑެލްއަށް އެންމެ ފީސިބަލް ގޮތެއް ހޯދުމަށް ވަގުތު ހޭދަވުމުން ކަމަށެވެ.
“މިއީ ތިނަދުއާއި ހުވަދޫގެ ރައްޔިތުންނަށް އަޅުގަނޑުވީ ވަޢުދެއް. ރިއަލިސްޓިކް ޓާގެޓްތަކެއް މިދަނީ ކަނޑައެޅެމުން. މިއަހަރުގެ މެދުތެރޭގައި ޢަމަލީ މަސައްކަތް ފެށޭނެ،” ރައީސް ވިދާޅުވިއެވެ.
ކުރިން ސަރުކާރުން ނިންމާފައި އޮތީ ތިނަދޫގައި އާ އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަށެވެ. ނަމަވެސް، ފަހުން ސަރުކާރުން ނިންމެވީ ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ބަދަލުކޮށް، ތިނަދޫއާ ބްރިޖަކުން ގުޅާލުމަށެވެ. ގާތްގަނޑަކަށް 3.7 ކިލޯމީޓަރުގެ މި ބްރިޖުގެ މައިގަނޑު ބޭނުމަކީ ދެ ރަށުގެ ދެމެދުގައި މީހުންނާއި މުދާ އުފުލުމަށް ރައްކާތެރި އަދި އަވަސް ނިޒާމެއް ޤާއިމުކުރުމެވެ.
1993 ވަނަ އަހަރު ހުޅުވި ކާޑެއްދޫ އެއާޕޯޓަކީ ހުވަދު އަތޮޅުގައި ހުޅުވި ފުރަތަމަ ޑޮމެސްޓިކް އެއާޕޯޓެވެ. މިހާރު ވިލާ އެއާއިން ހިންގަމުންދާ މި އެއާޕޯޓުގެ ތަރައްޤީގެ މަސައްކަތް ކުރިއަށް ގެންދެވޭނީ ކޯޓު މަރުހަލާގެ ތެރެއިން އެ ތަނާ ހަވާލުވެފައިވާ ފަރާތާއެކު މަޝްވަރާކޮށްގެން ކަމަށް ވެސް ސަރުކާރުން ފާހަގަކުރައްވައެވެ.
މި މަޝްރޫޢަކީ ހުވަދު އަތޮޅުގެ ދަތުރުފަތުރާއި އިޤްތިޞާދަށް ބޮޑު އިންގިލާބެއް ގެނުވާނެ މަޝްރޫޢެކެވެ.
ތިނަދޫ-ކާޑެއްދޫ ބްރިޖުގެ މައިގަނޑު މަގްސަދަކީ ތިނަދޫ އާއި ކާޑެއްދޫއާ ދެމެދު މިހާރަށް ވުރެ ރައްކާތެރި ގޮތަކަށް ދަތުރު ކުރެވޭނެ ގޮތެއް ހަމަޖައްސައިދީ، އެއް ރަށުން އަނެއް ރަށަށް މީހުންނާއި މުދާ ގެންދިއުމަށް ހޭދަވާ ވަގުތު ކުޑަކުރެވޭނެއެވެ. ތިނަދޫއާއި ކާޑެއްދޫ ބްރުިޖަކުން ގުޅާލުމުގެ މަސައްކަތަކީ ކުރިއަށް ގެންދިއުމަށްް ނިންމާފައިވާ ކަމެއް ކަމަށާއި، ތިނަދޫގެ ބަދަލުގައި ކާޑެއްދޫ އެއާޕޯޓް އިންޓަރނޭޝަނަލްކޮށް މުޅިން އާ އެއާޕޯޓެއް ގޮތަށް ތަރައްގީކޮށް ބްރިޖަކުން ތިނަދޫއާ ގުޅުވާލުން ކަމަށް ރައީސް ވަނީ މީގެ ކުރިންވެސް ވިިދާޅުވެފައެވެ.