މާލެ ސަރަޙައްދުގެ އެކި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކަށް، އެ ގޯތި ދޫކޮށްލުމަށްފަހު ސަރުކާރުގެ އައު ފްލެޓް ސްކީމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިޢުލާން ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައެވެ. ރައީސް ވިދާޅުވީ، “ބިންވެރިޔާ” ސްކީމާއި، އޭގެ ކުރީގެ އެކި ސަރުކާރުތަކުން ހިންގާފައިވާ ސްކީމްތަކުގެ ދަށުން ގޯތި ލިބިފައިވާ މީހުންނަށްވެސް، މިހާރު އިޢުލާންކޮށްފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
“މިހާރު ގުޅިފަޅާއި ގިރާވަރުފަޅު އަދި ހުޅުމާލެއިންވެސް ގޯތި ލިބިފައިވާ މީހުންގެ ތެރޭގައި އެބައުޅޭ ވަރަށް ގިނަ މީހުން ވަރަށް ގިނަ ނިކަމެތި ރައްޔިތުން، މީހަކާއެކު ނުގުޅި ވަކިން ގޯތި ލިބިފައިވާ ރައްޔިތުން އަދި ޖޮއިންޓްވެގެން ލިބިފައި ތިބި ނިކަމެތި ރައްޔިތުން އެބަތިބި، އެތަންތަނުގައި ގެދޮރު އަޅަން ވަގުތު ނަގާނެތީ ވަރަށް ގިނަ ރައްޔިތުން އެބައެދޭ ފުރުސަތެއް ލިބިދާނެތޯ މިހާރު އަޅަމުންދާ ފުލެޓުތަކަށް ފުލެޓު ކެޓަގަރީއަށް ކުރިމަތިލާން،” ރައީސް ވިދާޅުވިއެވެ.
މި ނިންމެވުމާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ބޯހިޔާވަހިކަމުގެ ސިޔާސަތަށް މިފަދަ ބަދަލުތައް ގެންނަން ނިންމެވީ ރައްޔިތުންނާއެކު ބޭއްވުނު އެކި ބައްދަލުވުންތަކުގައި ގިނަ ބަޔަކު އެގޮތަށް އެދެމުންދާތީ ކަމަށެވެ. ޚާއްސަކޮށް ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅުން ގޯތި ލިބިފައިވާ މީހުންގެ ތެރޭގައި ވަރަށް ނިކަމެތި އާއިލާތައް ތިބިކަން ރައީސް ފާހަގަކުރެއްވިއެވެ.
“މިފުރުސަތު އެޕްލިކޭޝަން ޕްރޮސެސްގެ ތެރެއިން ދިނުމަށްޓަކައި، ޕޯޓަލް ތެރެއިން އެޕްލަައިކުރާ ޖާގަ ހެދުމަށް ވަގުތުކޮޅެއް ނަގަނީ. ކުރިއަށް އޮތް ދެ ހަފުތާ ތެރޭ ނިންމައި ބިންވެރިޔާ ސްކީމުގެ ތެެރެއިން، މިދިޔަ ސަރުކާރުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތި ދޫކޮށްލާ ގޮތަށް ފުލެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލާނެ،” ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ތަފްސީލުކޮށްދެއްވި ގޮތުގައި، މި ފުރުސަތަކީ ގެދޮރު އެޅުމަށް މާލީ ތަނަވަސްކަން ނެތް އާއިލާތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ. މީގެ ކުރީގެ ސަރުކާރުތަކުގެ އެކި ސްކީމްތަކުން ގޯތި ލިބިފައިވާ މީހުންނަށްވެސް، އެ ގޯތި ދޫކޮށްލުމަށްފަހު ފްލެޓަށް ކުރިމަތިލުމުގެ ހަމަހަމަ ފުރުސަތު މި ބަދަލާއެކު ލިބިގެންދާނެއެވެ.
“އިމާރާތްކުރުމަށް ވަރަށް ބޮޑު ޚަރަދެއް ހިނގާ، އަދި ގިނަ ދުވަސް ނަގާނެ. އެހެންވީމަ ރައްޔިތުން އެބަ އެދެމުންދޭ، އެތަންތަން ދޫކޮށްލާފައި ފްލެޓަށް ކުރިމަތިލެވިދާނެތޯ. އެހެންވީމާ ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި އެންމެ ލަސްވެގެން ނިންމާފައި، ބިންވެރިޔާ ސްކީމްގެ ތެރެއިން ގޯތި ލިބިފައި ތިބި ފަރާތްތަކަށް އެ ގޯތިތައް ދޫކޮށްލާފައި ފްލެޓު ހޯދުމުގެ ފުރުސަތު ހުޅުވާލާނަން،” ރައީސް ވިދާޅުވިއެވެ.
މި ސްކީމަށް ކުރިމަތިލުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ދަނީ ބާރުސްޕީޑުގައި ކުރިއަށެވެ.
ފްލެޓަށް ކުރިމަތިލެވޭނީ ކުރިން ލިބިފައިވާ ބިން ދޫކޮށްލާ އުސޫލުންކަމަށް ސަރުކާރުން ވަނީ ކަނޑައަޅުއްވާފައެވެ. މީގެ އިތުރުން، އެކި މީހުން ގުޅިގެން (ޖޮއިންޓްކޮށް) ގޯތި ލިބިފައިވާ ފަރާތްތަކުން، އެންމެން އެއްބަސްވެގެން ގޯތި ދޫކޮށްލާނަމަ، އޭގެ ތެރެއިން ވަކިވާ ކޮންމެ މީހަކަށްވެސް ވަކިވަކިން ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ނިންމެވުމަކީ މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށާއި، ރައްޔިތުންގެ މާލީ ޙާލަތަށް ރިއާޔަތްކޮށް ސަރުކާރުން އެޅުއްވި މުހިންމު ފިޔަވަޅެކެވެ.