އަމާޒަކީ މާލެ ސިޓީގައި ދިރިއުޅޭ އާއިލާތައް ތަރައްގީކޮށް އަމަލީ ގޮތުން ނަތީޖާ ނެރެދިނުން ކަމަށް މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ރައީސާކަމަށް ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ފަރާތުން ވާދަކުރައްވާ އާޝިޔަތު އަލައިކާ އަދުނާން ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގައި ހުންނަ އަލައިކާގެ ކެމްޕެއިން އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަލައިކާ ވިދާޅުވީ، މި މަގާމަށް ކުރިމަތިލެއްވީ އާއިލާތަކުން ކޮންމެ ދުވަހަކު ތަހައްމަލުކުރަމުންދާ ދަތިތަކަށް ހައްލު ހޯދައިދީ، މާލެ ސިޓީ ތަރައްގީކުރުމުގައި އާއިލާތަކަށް އިސްކަންދީގެން އަމަލީ ނަތީޖާ ނެރެދިނުމުގެ އަޒުމުގައި ކަމަށެވެ.
އަލައިކާގެ ކެމްޕެއިންގެ މައިގަނޑު ޝިއާރަކީ “ބަދަހި އާއިލާ” އެވެ. އެކަމަނާ ފާހަގަކުރެއްވި ގޮތުގައި ގައުމެއް ބިނާކުރުމުގެ އެންމެ މުހިންމު ބިންގަލަކީ އާއިލާތައް ތަރައްގީވުމެވެ. އަދި އާއިލީ ގުޅުން ބަދަހިކުރުމުގައި ބައްޕައެކޭ އެއްފަދައިން މަންމައިންނާއި ގޭގައި އުޅޭ އަންހެނުން އަދާކުރާ ދައުރު ބޮޑުކަން އޭނާ ފާހަގަކުރެއްވިއެވެ.
“އާއިލާތަކެއް ތަރައްޤީވާނީ އާއިލާގެ ގުޅުން ބަދަހިވެގެން. އާއިލާއެއްގެ ގުޅުން ބަދަހިކުރުމަށް އެންމެ އިސް ދައުރެއް ބައްޕައެކޭ އެއްފަދައިން ނަގަނީ އަޅުގަނޑުމެން އަންހެނުން، މަންމައިން، އަނބިމީހާ، އަދި ގޭގަ އުޅޭ އެހެނިހެން އަންހެނުން. އެހެންނުންތޯ؟” އަލައިކާ ވިދާޅުވިއެވެ.
“ބަދަހި އާއިލާ” ގެ ސިޔާސަތުތައް ކާމިޔާބު ކުރުމަށް ދިރިއުޅޭނެ ޖާގަތައް ތަނަވަސްކޮށްދިނުމަކީ އަލައިކާގެ އެއް ވައުދެވެ. އަލައިކާ ވިދާޅުވި ގޮތުގައި މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުން ތަހަންމަލު ކުރަނީ ހަމައެކަނި ތޮއްޖެހުމެއް ނޫނެވެ. މިއީ އިންސާނީ ކަރާމަތަށް ނުފެތޭ ކުދިކުދި ގޮޅިތަކެއްގައި ބަންދުވެފައި ތިބެން ޖެހޭ ޖެހުމެއް ކަމަށް އަލައިކާ ވިދާޅުވިއެވެ. މިކަމަށް ހައްލެއް ގެނައުމަށް މާލޭގެ ހުރިހާ ހިސާބެއްގައި އާއިލީ މައިޒާންތަކެއް ހަދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި އަލައިކާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވިއިރުވެސް އާއިލާތަކަށްޓަކައި ގެންގުޅުއްވި ތަސައްވުރަކީ އޭނާ އަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. އަދި މިހާރު ރައީސްގެ އަރިހުގައި “ދޮރުން ދޮރަށް” ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާއިރު، އަންހެނުންނާއި އާއިލާތަކުގެ ކަންބޮޑުވުންތަކަށް ރައީސް ދެއްވާ އަހައްމިއްޔަތު ވަރަށް ބޮޑަށް ފާހަގަކުރެއްވޭ ކަމަށްވެސް ވިދާޅުވިއެވެ.
އަލައިކާގެ ހުށަހެޅުންތަކުގެ ތެރޭގައި މާލޭގެ ތޮއްޖެހުން ކުޑަކޮށް، އިންސާނީ ކަރާމަތަށް ފެތޭ ފަދަ ދިރިއުޅުމެއް އާއިލާތަކަށް ހޯދައިދިނުން ހިމެނެއެވެ. އެގޮތުން މާލޭގެ ހުރިހާ ހިސާބެއްގައި އާއިލީ މައިޒާންތައް ގާއިމްކުރުމާއި، މަގުތަކަކީ ރައްކާތެރިކަމާއެކު ހިނގާބިނގާވެ އުޅެވޭނެ ތަންތަނަށް ހެދުމަށް މާލޭގެ މޭޔަރާއެކު މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން އަލައިކާ ވައުދުވެވަޑައިގަތް ކަންކަމުގެ ތެރޭގައި
- އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ “އޯލްޑް ކެއާ” ފެސިލިޓީތައް ގާއިމްކުރުން.
- ވަޒީފާއަށްދާ މައިންބަފައިންނަށް ލުއި ފަސޭހަކޮށްދިނުމަށް “ޗައިލްޑް ކެއާ” އަދި “އާފްޓާ ސްކޫލް” ޕްރޮގްރާމްތައް ކަމާގުޅޭ ވުޒާރާތަކާ ގުޅިގެން ހިންގުން.
- އަންހެނުންގެ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި “އަންހެނުންގެ ކޯޕަރޭޓިވް” ތައް އުފެއްދުން.
- ގޭގައި ތިބެގެން އާމްދަނީ ހޯދޭނެ މަގު ފަހިކުރުމަށް “ރިމޯޓް ވޯކިން” ޕްލެޓްފޯމްތައް ގާއިމްކޮށްދިނުން.
އަލައިކާ ވިދާޅުވީ މި ހުރިހާ ކަމެއްގެ ބޭނުމަކީ އަންހެނުންނަކީ މުޖުތަމައުގައި ބާރުވެރި ބަޔަކަށް ހަދައި، އާއިލީ ގުޅުންތައް ވަރުގަދަކުރުން ކަމަށެވެ. އަދި މި ސަރުކާރަކީ މިފަދަ ކަންކަމަށް ވަރަށް ބޮޑަށް ބާރުއަޅާ ސަރުކާރެއް ކަމަށްވާތީ، މި ތަސައްވުރުތައް ހާސިލްކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
“އަޅުގަނޑުމެން މި ނުކުންނަނީ އަންހެނުން ގޭގައި ފޫހިވެފައި ތިބުމުން އެ ފޫހިކަން ފިލުވައި ދޭން،” އަލައިކާ ވިދާޅުވިއެވެ.
ކޮންގްރެސް ޕާޓީގެ ފަރާތުން ކުރިއަށްގެންދާ މި ކެމްޕެއިންގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން (ފަސްޓް ލޭޑީ) ވެސް ގެންދަވަނީ ވަރަށް މުހިންމު ދައުރެއް އަދާކުރައްވަމުންނެވެ. އެގޮތުން ކެންޑިޑޭޓުންގެ ޖަގަހަތައް ހުޅުއްވައިދެއްވުމާއި، ތާއީދު އިތުރުކުރުމަށްޓަކައި ގިނަ ހަރަކާތްތަކެއްގައި އެކަމަނާ ބައިވެރިވެވަޑައިގަންނަވައެވެ.
އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިޚާބުގައި ކޮންގްރެސް ޕާޓީން ވަނީ މުޅި ރާއްޖޭގައި، ހާއްސަކޮށް މާލެ ސިޓީގައި ވަރަށް ވަރުގަދަ ކެމްޕެއިނެއް ފަށާފައެވެ.