ލ. މުންޑޫ އަދި ރ. އަނގޮޅިތީމުގެ ބަނދަރު ތަރައްޤީކުރުމުގެ ބޮޑު ދެ މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަރީފް ޢަބްދުލް ރަޙްމާން ޔޫސުފްއެވެ.
ލ. މުންޑޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 400 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 243 މީޓަރުގެ އެއްގަމު ތޮށި ޖެހުމާއި، 249 މީޓަރުގެ ބޭރުތޮށި ޖެހުން ހިމެނެއެވެ. މީގެ އިތުރުން 106 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، ރޭމްޕެއް ހެދުމާއި، 1215 އަކަމީޓަރުގެ ދުވާރު ހެދުމުގެ އިތުރުން 9 މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރެވޭނެއެވެ.
ރ. އަނގޮޅިތީމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 360 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މި މަޝްރޫޢަކީ އެ ރަށުގެ ބަނދަރާއި، ނެރު އަދި މޫދަށް އެރޭ ސަރަޙައްދު ތަރައްޤީކުރުމަށް ފަރުމާކޮށްފައިވާ މުހިންމު މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި:
- އައު ބަނދަރުގެ ނެރު ފުންކުރުމާއި ބައު ބަނދަރުގެ ނެރު ފިލްކުރުން.
- 102 މީޓަރުގެ ބޮޑުހިލަ ބްރޭކްވޯޓަރ ޖެހުމާއި 21 މީޓަރުގެ ގްރޮއިން ޖެހުން.
- 105 މީޓަރުގެ ކޮންކްރީޓް ޖެޓީއެއް 5 ބައްތިއާއެކު ޤާއިމުކުރުން.
- މޫދަށް އެރޭ ސަރަޙައްދު ފުންކުރުމާއި، އެ ސަރަޙައްދުގައި 80 މީޓަރުގެ ގްރޮއިން ޖެހުމާއި 110 މީޓަރުގެ ބްރޭކްވޯޓަރ ޖެހުން.
- ބީޗް ފިލްކުރުމާއި 2 ފައްތިޔާ އަދި 2 ނެރު ބައްތި ހަރުކުރުން.
މި ދެ މަޝްރޫޢަކީވެސް ސަރުކާރުން ރަށްރަށުގެ އުމްރާނީ ތަރައްޤީއަށް ދެއްވާ އަހައްމިއްޔަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެކެވެ. މި މަޝްރޫޢުތައް ނިމުމުން އެ ދެ ރަށުގެ ރައްޔިތުންނަށް ލަފާފުރުމުގައްޔާއި އިޖުތިމާޢީ ކަންކަމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.