މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ވިޔަފާރީގެ ގުޅުންތައް ފުޅާކޮށް، ބަދަލު ވިޔަފާރި ބާޒާރުތައް ހޯދުމަށް ސަރުކާރުން މެލޭޝިއާ، އިންޑޮނޭޝިއާ، ތައިލެންޑް، ކެމްބޯޑިއާ، އޮމާން، އަދި އެފްރިކާގެ ބައެއް ގައުމުތަކާ ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރުމަށް ހާރިޖީ ވުޒާރާ މެދުވެރިކޮށް ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ފަށައިފައެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، އިގްތިސޯދީ ތަރައްގީ އަދި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވީ، މެދުއިރުމަތީ ހަނގުރާމަ ފެށުނީއްސުރެ ބަދަލު ވިޔަފާރި ބާޒާރުތައް ހޯދުމުގެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދަވަމުން ދާ ކަމަށެވެ. ހަނގުރާމައިގެ ސަބަބުން، ކުރިން ނުގެންނަ ވަރަށް، ބައެއް ކަހަލަ ތަކެތި ހޯދުމަށް ވިޔަފާރިވެރިން ވެސް ސަރަހައްދީ ގައުމުތަކަށް ބަރޯސާ ވަމުންދާ ކަމަށް ވިދާޅުވިއެވެ.
“ފުރަތަމަ ދުވަހުން ފެށިގެން އޯލްޓަނޭޓިވް މާކެޓްތައް ހޯދުމުގެ މަސައްކަތްތައް ދަނީ ކުރަމުން،” ސައީދު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރި އެއްބަސްވުން (އެފްޓީއޭ) ގެ ދަށުން ޗައިނާ ވެގެންދަނީ ގިނަ ބާވަތްތަކެއްގެ މުދާ ލިބެން ހުންނަ ވަރަށް ފަހި ބާޒާރަކަށް ކަމަށެވެ. ޗައިނާ ސަރުކާރުގެ ވިޔަފާރި ވުޒާރާ، ކަމަށްވާ “މިނިސްޓްރީ އޮފް ކޮމާސް” އާ ދިވެހި ސަރުކާރާ ދެމެދު ވަރަށް ގާތް ގުޅުމެއް ބޭއްވެމުންދާ ކަމަށާއި، ބޭނުންވާ ކޮންމެ ވައްތަރެއްގެ މުދަލެއް ވެސް ލިބޭނެ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރަށް ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.
ހަމައެހެންމެ، ތައިލެންޑުންވެސް ގިނަ ބާވަތްތަކެއްގެ މުދާ ރާއްޖެ ގެންނަ ކަމަށާއި، ހާރިޖީ ވުޒާރާ މެދުވެރިކޮށް، ސަރަހައްދީ ގައުމުތަކާ ވިޔަފާރީ ގުޅުންތައް ވަރުގަދަ ކުރުމަށް ގިނަ ފިޔަވަޅުތަކެއް ވަނީ ނެގިފައި ކަމަށް ވެސް ވިދާޅުވިއެވެ. ހަމައެއާ ބެދިގެން، ކުރިން ރާއްޖެ ވިޔަފާރި ގުޅުން ނުބާއްވާ ބައެއް ބާޒާރުތަކާ ވެސް ގުޅުން ބަދަހިކުރުމަށް ސަރުކާރުން ދަނީ ހަރަކާތްތެރިވަމުންނެވެ. ހާއްސަ ގޮތެއްގައި، އެފްރިކާ ބައްރުގެ ބައްރުގެ ގައުމުތަކާ ވިޔަފާރީ ގުޅުން ބަދަހިކޮށް، ވިޔަފާރީގެ ދޮރުތައް ހުޅުވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
“މީގެ ކުރިން އަޅުގަނޑުމެން މަސައްކަތްނުކުރާ ބައެއް މާކެޓުތަކާ އެއްކޮށް ވެސް އެބަ ކުރަން، މިސާލަކަށް އެފްރިކާގެ ހާއްސަކޮށް ބައެއް ގައުމުތަކާ ވެސް ކަންކަމުގައި ކުރިއަށްދާން އެބަ މަސައްކަތްކުރަން،” ސައީދު ވިދާޅުވިއެވެ.
ވިޔަފާރީ ގުޅުންތައް ފުޅާ ކުރުމަށް ކަނޑުމަގާއި ވައިގެ މަގުން ލިންކްތައް ގާއިމުކުރުމަކީ ވެސް ސަރުކާރުގެ ސަމާލުކަން ދެވިފައިވާ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. ވައިގެ ދަތުރުފަތުރާ ބެހޭ ވުޒާރާ މެދުވެރިކޮށް، ހާއްސަކޮށް އެފްރިކާ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި ހިންގަމުންދާ އޭވިއޭޝަން ނެޓްވޯކްތަކާ ގުޅިގެން ރާއްޖެއަށް ސީދާ ކަނެކްޝަންތަކެއް ގާއިމު ކުރެވިއްޖެ ނަމަ، ވިޔަފާރި ފުޅާ ކުރުމަށް ލިބޭ ފުރުސަތުތައް ބޮޑުތަން ތަނަވަސްވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
ވަޒީރު ސައީދު ވިދާޅުވީ، ކާބޯތަކެތި ލިބުމުގައި ރާއްޖެއަށް ދަތިކަމެއް ކުރިމަތިވެފައި ނުވާ ކަމަށެވެ. ނަމަވެސް، ދިވެހި ސަރުކާރުން ދަނީ ކޮންމެ ހާލަތެއްގައި ވެސް ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރިއާލާ ފިޔަވަޅުތައް އަޅަމުންނެވެ. ހަނގުރާމައިގެ ސަބަބުން، ރާއްޖެ ކާބޯތަކެތި ގެންނަ ސަރަހައްދެއް ކަމަށްވާ މެދުއިރުމަތީ ސަރަހައްދުގެ ވައިގެ ދަތުރުތަކަށް ބުރޫ އަރައިފައިވީ ނަމަވެސް، ސަރުކާރުން ވަނީ ވަގުތާ ގުޅޭ ގޮތަށް ބަދަލު ވިޔަފާރި ގުޅުންތައް ގާއިމުކޮށް، ރައްޔިތުންނަށް ދަތިކަމެއް ކުރިމަތިނުވާ ގޮތަށް ކަންކަން ހަމަޖައްސައިދީފައެވެ.
ވިޔަފާރީ ގުޅުންތައް ފުޅާ ކުރުމާ ވިދިގެން، ރާއްޖޭގެ އިގްތިސޯދު ސިންދަފާތު ކުރުމަށް ވެސް ސަރުކާރުން ދަނީ ހާއްސަ ސަމާލުކަމެއް ދެމުންނެވެ. ވަޒީރު ވިދާޅުވި ގޮތުގައި، ނ. އަތޮޅުގައި ކުރިއަށް ގެންދާ ސަސްޓެއިނެބަލް ޓައުންޝިޕް މަޝްރޫއަށް ބޭނުންވާ ސަރަހައްދު ހިއްކުމުގެ މަސައްކަތް ވަނީ ނިންމައިލެވިފައެވެ. މި ފަދަ ތަރައްގީގެ މަޝްރޫއުތަކަކީ، ރާއްޖޭގެ ވިޔަފާރީ ފުރުސަތުތައް ފުޅާ ކުރެވި، ބޭރު ދުނިޔޭގެ ބާޒާރުތަކަށް ރާއްޖެ ތައާރަފްކޮށްދިނުމަށް ވެސް ބޭނުންތެރި ވަސީލަތްތަކެއް ކަމަށް ވިދާޅުވިއެވެ.