ފަލަސްޠީނުގެ ޙައްޤުގައި ރާއްޖެއިން އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަޤީންކަން އޯ.އައި.ސީ ގެ ބައްދަލުވުމެއްގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ދެއްވައިފި އެވެ.
ވަޒީރު މި ޔަޤީންކަން ދެއްވާފައިވަނީ، އިސްރާއިލުން މެދުކެނޑުމެއްނެތި ފަލަސްޠީނުގެ ރައްޔިތުންނަށް ދެމުންގެންދާ ޙަމަލާތަކާ ގުޅޭގޮތުން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) ގެ އެގްޒެކެޓިވް ކޮމިޓީ އިން ސައުދީ ޢަރަބިއްޔާގެ ޖިއްދާގައި ޚާރިޖީ ވަޒީރުންގެ ފެންވަރުގައި އިއްޔެ ބޭއްވި އެކްސްޓްރާ އޯޑިނަރީ އޯޕަން-އެންޑަޑް ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި ތަގުރީރު ކުރައްވަމުން ވަޒީރު ޑރ. ޚަލީލް ވިދާޅުވީ، މިއީ ފަލަސްތީނުގެ ރައްޔިތުން އިސްތިއުމާރީ އަޅުވެތިކަމާއި ބިންތައް ފޭރުމުގެ ކުރިމަތިލަމުންދާ ވަރަށް ނާޒުކު ދަނޑިވަޅެއް ކަމަށެވެ. ވަކިން ހާއްސަކޮށް، ޔަހޫދީން ހިފާފައިވާ ހުޅަނގު އައްސޭރީގެ ބިންތަކަކީ “ދައުލަތުގެ މިލްކެއް” ކަމަށް ކަނޑައަޅައި، އެ ބިންތައް ފޭރުމުންދާ ދިއުމަށް ވަޒީރު އަލިއަޅުއްވާލެއްވިއެވެ. އަދި މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ހިންގާ އަމަލުތަކެއް ކަމަށާއި، މީގެ ބޭނުމަކީ ޔަހޫދީ އާބާދީތައް ފުޅާކޮށް، ފަލަސްތީނުގެ ބިންތައް ގަދަކަމުން އިސްރާއީލުގެ ބާރުގެ ދަށަށް ގެނައުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ވަޒީރު ވަނީ އިސްރާއީލުން ހިންގާ މިފަދަ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އަދި ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު ކަންތައްތަކެއް ކަމަށާއި، މީގެ ސަބަބުން ސުލްހައަށް ކުރާ މަސައްކަތްތަކަށް ހުރަސް އެޅި، ފަލަސްތީނުގެ ރައްޔިތުންގެ އަސާސީ ހައްގުތަކުން އެ ރައްޔިތުން މަހުރޫމްވަމުންދާކަން ވެސް ވަނީ ފަހާގަކުރައްވާފައެވެ.
މި ދަތުރުފުޅުގެ ތެރެއިން ވަޒީރު ޑރ. ޚަލީލް ވަނީ އިސްލާމީ ގިނަ ޤައުމުތަކެއްގެ ވަޒީރުންނާއި ބައްދަލުކުރައްވައި، މުސްލިމް އުންމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.