އދ. ދިގުރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ފަށަައިފި އެވެ.
މި މަސައްކަތް ފަށާފައިވަނީ ރައީސް ޑރ މުހައްމަދު މުއިއްޒު އެރަށް ކުރެއްވި ދަތުރުފުޅުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ އަބްދުﷲ މުއްތަލިބެވެ.
މި މަޝްރޫއުގެ ދަށުން، 420 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުމާއި، 127 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 15 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެ އެވެ. މިއީ 12.86 މިލިއަން ރުފިޔާއަށް 150 ދުވަސްތެރޭ ނިންމާ ގޮތަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.
މި މަޝްރޫއުގެ އިތުރުން ދިގުރަށުގަ އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް އަދި ދިގުރަށު ސިއްހީ މަރުކަޒުގެ އާ އިމާރަތްވެސް ވަނީ ހުޅުވާފަ އެވެ.
އެގޮތުން، ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ، ހޯމް މިނިސްޓަރު އަލީ އިހްސާން އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އަދި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ އިބްރާހީމް ނަޒީމްގެ އިތުރުން އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ރަޝީދު އާއި ދިގުރަށު ކައުންސިލްގެ ރައީސް އިބްރާހީމް އުސްމާނެވެ.

ދިގުރަށު ސިއްހީ މަރުކަޒު ހުޅުވައިދެއްވީ، މިނިސްޓަރު އޮފް ފިނޭންސް އެންޑް ޕްލޭނިން މޫސާ ޒަމީރު، އަދި އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ރަޝީދު އާއި ދިގުރަށު ކައުންސިލްގެ ރައީސެވެ.

މި އިމާރާތުގައި މުހިންމު ގިނަ ހިދުމަތްތަކެއް ވަނީ ގާއިމުކޮށްފަ އެވެ. އެގޮތުން އާއްމު ސިއްހަތާ ގުޅޭ ހިދުމަތްތައް ދޭ ޔުނިޓާއި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް އެހީތެރިވެދޭ ކްލިނިކް އަދި ގައިންގަޔަށް ނާރާ ބަލިތަކުގެ ކްލިނިކް ހިމެނެ އެވެ. މީގެއިތުރުން މާބަނޑު މީހުންނަށް ބޭނުންވާ ސިއްހީ ފަރުވާދޭ ކްލިނިކާއި ކުޑަކުދިންގެ ސިއްހަތުގެ ކްލިނިކް ވަނީ ގާއިމުކޮށްފަ އެވެ.