ހއ. މުރައިދޫގައި މިސްކިތެއް އިމާރާތް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.
މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށް އެ ކުންފުންޏާއި އިސްލާމިކް މިނިސްޓްރީ އާ ދެމެދު މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
މި އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އިބްރާހިމް އާސިމެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރިޓަޔާޑް) އަހުމަދު ސައުދީ އެވެ.
365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަމަޖެހިފައިވާ މިސްކިތުގެ މަސައްކަތަށް ކަނޑައަޅާފައި ވަނީ 7.7 މިލިއަން ރުފިޔާގެ ބަޖެޓެކެވެ
މި މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތަކަށްވާއިރު، މި މިސްކިތުގައި ވުޟޫ ކުރާނެ ބަޔަކާއި، މުއްނާރު، ލޭންޑް ސްކޭޕިން އަދި ވަށާފާރު ގެ އިތުރުން ލައިބްރަރީއެއް ހިމެނޭނެ އެވެ، އަދި މިސްކިތް ބިނާ ކުރުމަށް ހަމަޖެހިފައި ވަނީ ސޯލާ ސިސްޓަމްވެސް ހަރުކުރެވޭ ގޮތަށެވެ.