“ޑިޖިޓަލް ފޯ އޯލް” ގައުމީ ކެމްޕޭނުގެ ދަށުން ކުރިއަށްގެންދާ “އޭ.އައި އެސެންޝަލްސް އަންޑަސްޓޭންޑިންގ އެންޑް ވޯކިންގ ވިތް އޭ.އައި” ތަމްރީނު ޕްރޮގްރާމް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އިން ފުރިހަމަކޮށްފި އެވެ.
މި ތަމްރީނު ޕްރޮގްރާމްގައި އެ ކުންފުނީގެ ސީ.އީ.އޯ ގެ އިތުރުން އިސް މެނޭޖްމަންޓުގެ އެންމެހައި ބޭފުޅުން ވަނީ އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައެވެ.
“ޑިޖިޓަލް ފޯ އޯލް” ކެމްޕޭނަކީ “މޯލްޑިވްސް 2.0” ތަސައްވުރުގެ ދަށުން، ޑިޖިޓަލް ޓެކްނޮލޮޖީ އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) އަށް މުވައްޒަފުންނާއި އާންމުން އަހުލުވެރިކުރުވުމުގެ މަގުސަދުގައި ގައުމީ ފެންވަރުގައި ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިރުޝާދުގެ ދަށުން ހިންގާ މި ކެމްޕޭނަކީ، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓާއި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމް އަމަލީ ގޮތުން ހިންގުމުގައި ހަރަކާތްތެރިވަނީ ފިއުޗަރ އިންސްޓިޓިއުޓާއި މައިންޑްކޯ ގުޅިގެންނެވެ.
މި ތަމްރީނު ޕްރޮގްރާމް އެމް.ޕީ.އެލް އިން ކާމިޔާބުކަމާއެކު ފުރިހަމަކުރުމަކީ، ޑިޖިޓަލް ދާއިރާއިން ކުންފުނީގެ ގާބިލުކަން އިތުރުކުރުމަށާއި، ރާއްޖެއަށް ގެންނަން އަމާޒުހިފާފައިވާ ޑިޖިޓަލް ބަދަލުތަކަށް އެއްބާރުލުން ދިނުމުގައި އެ ކުންފުނިން ދޭ ހާއްސަ އަހައްމިއްޔަތުކަން ހާމަވެގެންދިޔަ ކަމެކެވެ.