ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކުރަމުން އަންނަ “އަމާން އުދަރެސް” ޓަވަރުތަކުގެ ދެ އެޕާޓްމެންޓެއް ގަވާދުން ކުލި ނުދެއްކުޟާއި ގުޅިގެން އެއްބަސްވުން ބާތިލްކޮށް އެތަން ހުސްކުރުމަށް އެ ފަރާތްތަކަށް އަންގައިފިއެވެ،
އެފްޑީސީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި ފިޔަވަޅު އަޅާފައިވަނީ 4000 ހައުސިންގ ޔުނިޓު ހަވާލުކުރުމުގެ ކުރިން ވެފައިވާ “ކުއްޔަށްދިނުމާއި މިލްކުކުރުމުގެ އެއްބަސްވުން” ގައި ބަޔާންކޮށްފައިވާ އިޖުރާއާތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެެވެ.
އެގޮތުން، އެއްބަސްވުން ބާތިލުކުރުމުގެ ކުރިން، ނުދައްކާ ހުރި ފައިސާ ދެއްކުމަށް 135 ދުވަހުގެ މުއްދަތެއް އެ ފަރާތްތަކަށް ދީފަިވާނެ ކަމަށާެި، މި މުއްދަތުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ފައިސާ ދެއްކުމަށް އަންގާ ނޯޓިސް (ޕޭމަންޓް ޑިފޯލްޓް ނޯޓިސް) ފޮނުވުމުގެ އިތުރުން، އެއްބަސްވުން ބާތިލުކުރުމުގެ ކުރިން ދޭންޖެހޭ 30 ދުވަހުގެ ނޯޓިސް ވެސް ފޮނުވާފައި ވާނެ ކަމަށެވެ. އަދި މި ނޯޓިސްތައް ފަހި ޕޯޓަލް، އެސްއެމްއެސް، އީމެއިލް އަދި ލިޔުމުން ވެސް ރަސްމީކޮށް އެ ފަރާރްތަކަށް ވަނީ ހަވާލު ކުރެވިފައެވެ.
އެފްޑީސީ އިން ވިދާޅުވީ، ފައިސާ ދެއްކުމަށް އެއްބަސްވުމުގައިވާ ގޮތުގެ މަތިން އެކަށީގެންވާ ފުރުސަތުތަކެއް ދެވި،ފައި ވާނެ ކަމަށާއި ދެވުނު މުއްދަތު ހަމަވެގެން ދިޔައިރުވެސް އެ ފަރާތްތަކުން ފައިސާ ދައްކާފައި ނުވާތީ، އެއްބަސްވުން ބާތިލުކޮށް، ނޯޓިސް ލިބޭތާ 15 ދުވަހުގެ ތެރޭގައި ޔުނިޓު ހުސްކުރުމަށް މިހާރު އަންގާފައިވާނެ ކަމަށެވެ. އަދި އެއްބަސްވުން ބާތިލުކުރެވުމާ ގުޅިގެން، އެ ފަރާތްތަކުގެ އެފްޑީސީ ޕޯޓަލް އެކައުންޓަށް ދެވިފައިވާ އެކްސެސް ވެސް ވަނީ މެދުކަނޑާލެވިފައެވެ.
އެފްޑީސީ ބަޔާނުގައި ހާމަކުރި ގޮތުގައި، މި ފިޔަވަޅުތަކަކީ އެއްބަސްވުމުގެ އުސޫލުތައް ދެމެހެއްޓުމަށާއި، ހުރިހާ ފަރާތްތަކުގެ މައްޗަށް ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ތަންފީޒުކުރުމުގެ މަގުސަދުގައި އަޅާފައިވާ ފިޔަވަޅުތަކެކެވެ. އެގޮތުން ފިޔަވަޅު އެޅުމުގެ ކުރިން އެކަށީގެންވާ ނޯޓިސް ދީ، ޒިންމާތައް އަދާކުރުމަށް ފުރުސަތު ފަހިކޮށްދިނުމާއެކު، ހައުސިން ޔުނިޓުތައް ބެލެހެއްޓުމުގައި ދެފުށް ފެންނަ އަދި އިންސާފުވެރި އުސޫލުތަކެއް ދެމެހެއްޓުމަށް އެ ކޯޕަރޭޝަނުން އަބަދުވެސް އިސްކަންދޭނެ ކަމެއް ކަމަށެވެ.
މީގެ އިތުރުން، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ހިފެހެއްޓުމަށާއި، އިމާރާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށްޓަކައި، އެއްބަސްވުމާ އެއްގޮތަށް ގަވާއިދުން މަހުން މަހަށް ފައިސާ ދެއްކުމަށް ހުރިހާ ފަރާތްތަކަށް ވެސް އެފްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.