ގަވާއިދާ ޚިލާފަށް ކަނޑައެޅިފައިވާ ސަރަޙައްދުތަކުން ނޫން ގޮތްގޮތަށް މަގު ހުރަސްކުރާ ފަރާތްތައް ޖޫރިމަނާކުރުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.
މި ބިލު ފާސްކުރައްވާފައިވަނީ، މިމަހުގެ26 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.
މި ބިލުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ދުއްވާ އުޅަނދުތަކާއި، އޭގެއިން ދަތުރުކުރާ މީހުންގެ އިތުރުން މަގުތައް ބޭނުންކުރާ ހިނގާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމެވެ. އަދި އެއްގަމު ދަތުރުފަތުރުގެ ހުރިހާ ކަމެއް ޒަމާނީ އަދި ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ރާވައި، ހިންގައި ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުމެވެ.
މި ބިލުގެ ދަށުން، އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން ހިފަހައްޓަންޖެހޭ ހަމަތަކާއި، އުޅަނދުތައް ރަޖިސްޓަރީކުރުމާއި، ދުއްވުމުގެ އިތުރުން މަގުމަތީގައި މަޑުކުރުމާއި ޕާކުކުރުމުގެ އުޞޫލުތައް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން، ޢާންމު ދަތުރުފަތުރުގެ ޚިދުމަތްތައް ދޭނެ ގޮތްތަކާއި، ޤާނޫނާ ޚިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގައި ޢަމަލުކުރާނެ އިޖުރާއަތްތައްވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.
- ޚާއްޞަ އޮފީހެއް އުފެއްދުން: ތިން އަހަރު ދުވަހުގެ މުއްދަތަކަށް ހިންގާ “ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ” ގެ ނަމުގައި ޚާއްޞަ އިދާރާއެއް އުފެއްދުން.
- އެޑްވައިޒަރީ ބޯޑެއް އެކުލަވާލުން: މާލޭ ސަރަޙައްދުގެ ޚާއްޞަ އުޞޫލުތައް ކަނޑައެޅުމަށް “ނޭޝަނަލް ރޯޑް Sޭފްޓީ ކައުންސިލް” ގެ ނަމުގައި ލަފާދޭ ބޯޑެއް އުފެއްދުން.
- ޚާއްޞަ ފަންޑެއް ޤާއިމުކުރުން: އެއްގަމު ދަތުރުފަތުރުގެ ކަންކަން ތަރައްޤީކޮށް ރަނގަޅުކުރުމަށްޓަކައި ޚާއްޞަ ފަންޑެއް އުފެއްދުން.
މީގެއިތުރުން، މި އިޞްލާޙުގެ ދަށުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ކަނޑައެޅިފައިވާ ސަރަޙައްދުތައް (ޒިބްރާ ކްރޮސިން ) ނޫން ގޮތްގޮތަށް ގަވާއިދާ ޚިލާފަށް މަގު ހުރަސްކުރާ ފަރާތްތައް 100 ރުފިޔާއިން ޖޫރިމަނާކުރުމަށް ވަނީ ނިންމާފައެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1