ބޭރު ގައުމުތަކުގައި މަތީ ތައުލީމު ހާސިލްކުރާ ދަރިވަރުންނަށް ބޭރު ފައިސާ ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޑޮލަރުން ފައިނޭންސް ދިނުމަށް ނިންމައިފި އެވެ.
ބޭރު ގައުމުތަކުން ބަލައިގަންނަ ތަމްރީނުތަކާއި ކޯސްތަކުގެ ފީ ދެއްކުމުގައި ދަރިވަރުންނަށް ދިމާވާ ޑޮލަރުގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ބީއެމްއެލް އިން ވަނީ “ކިޔަވާ ލޯނު” އަދި “އެޑިއުކޭޝަން ފައިނޭންސިން” ޔޫއެސް ޑޮލަރުން ލިބޭނެ ގޮތް ހަމަޖައްސާފައެވެ.
މިއީ އެއްވެސް ރަހުނަކާ ނުލައި، ޕްރޮފެޝަނަލް ސެޓިފިކޭޝަންތަކުގެ ހަރަދުތައް ހަމަޖެއްސުމަށް ބޭންކުން ދޫކުރަން ފެށި ހާއްސަ ފެސިލިޓީއެކެވެ.
ބޭންކް އިން ހާމަކުރި ގޮތުގައި، މި ނިޒާމުގެ ދަށުން، ކޯސްތަކުގެ ފީ ބޭންކުން ސީދާ ތައުލީމީ މުއައްސަސާތަކަށް ނުވަތަ ކަމާބެހޭ އިދާރާތަކަށް ޓީޓީ މެދުވެރިކޮށް ފޮނުވައިދޭނެއެވެ. އަދި ހުއްދަދެވޭ ސްޓައިޕެންޑްގެ ފައިސާ ޖަމާކުރާނީ ކަސްޓަމަރުގެ އަމިއްލަ އެކައުންޓަށެވެ.
ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވި ގޮތުގައި، މިއީ ބޭންކުގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅި ފިޔަވަޅެކެވެ. މީގެއިތުރުން، ބޭންކުގެ ގަވާއިދުތައް ބުނާގޮތުން ޔޫއެސް ޑޮލަރުން ދޫކުރާ އެޑިއުކޭޝަން ލޯނާއި އެޑިއުކޭޝަން ފައިނޭންސިންގް އަނބުރާ ދައްކަންޖެހޭނީވެސް ހަމަ ޑޮލަރުންނެވެ.
ބީއެމްއެލް އިން، ހަމަޖައްސައިދޭ ‘ކިޔަވާ ލޯނު’ ތަކުގެ ދަށުން ދަރިވަރުންނަށް ލުއިފަސޭހަ ގޮތްތަކެއް މަގުފަހިކޮށްދިނުމަކީ ތައުލީމީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. ބޭންކުން ކޯސް ފީގެ ފައިސާ ސީދާ ޔުނިވަރސިޓީތަކަށް ޓީޓީ މެދުވެރިކޮށް ފޮނުވައިދިނުމާއި، ސްޓައިޕެންޑް ދަރިވަރުގެ އެކައުންޓަށް ޖަމާކޮށްދޭން ނިންމި ނިންމުމަކީ ދަރިވަރުންނާއި ބެލެނިވެރިންގެ ބޮޑު ކަންބޮޑުވުމަކަށް ލިބުނު ބޮޑު ހައްލެކެވެ.