ޓްރެފިކް ކަންކަން ހަރުދަނާކުރުމުގެ އާ ޕްލޭނެއް މިއަދު އިފުތިތާހުކޮށްފި އެވެ.
އެގޮތުން، ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު ވަނީ ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓް ޑިޕާޓްމަންޓުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ‘ޓްރެފިކް އެންހޭންސްމެންޓް ޕްލޭން’ ތަޢާރަފްކޮށްދެއްވާފައެވެ. ފުލުހުން ބުނީ، އިފުތިތާހުކުރެވުނު ޕްލޭނަކީ މާލެއާއި ބްރިޖް ހައިވޭގައި ޑިއުޓީ އަދާކުރާ ފުލުހުން މަސައްކަތްކުރާނެ ގޮތްތައް ބަޔާންކޮށް ތައްޔާރުކޮށްފައިވާ ޕްލޭނެއް ކަމަށެވެ.
މަގުމަތީގެ އަމާންކަން ބެލެހެއްޓުމާއި ތޮއްޖެހުން ކުޑަކުރަން ކުރާ މަސައްކަތްތައް މިއަށްވުރެ ވަރުގަދަކުރަން ސީޕީ އިލްތިމާސްކުރެއްވިއެވެ. އެގޮތުން ޓްރެފިކް ބަލަހައްޓާ ފުލުހުންގެ އަދަދު މިހާރު އިތުރުކޮށްފައިވާކަން ފާހަގަކުރައްވައި، މާލޭގެ ކާރޫބާރޫ ބޮޑު ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު ގިނަކޮށް، އާންމުންނަށް ދިމާވާ ދަތިތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް އެދިވަޑައިގަތެވެ.
މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން ޓްރެފިކް އެންޑް ރޯޑް މެނޭޖްމަންޓްގެ އެކި ދާއިރާތަކުގެ ކޮމިޝަންޑް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގެ މަގުތަކަކީ އަމާން އަދި ހިތްފަސޭހަ ތަންތަނަށް ހެދުމަށްޓަކައި ދިވެހި ފުލުހުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.މީގެއިތުރުން، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާންމުން ހޭލުންތެރިކުރުވުމަށް ހާއްސަ ޕްރޮގްރާމްތައް ހިންގުމާއި، އެކްސިޑެންޓްތައް މަދުކުރުމަށްޓަކައި ގަވާއިދުން މަގުތައް މޮނިޓަރކޮށް ޕެޓްރޯލްކުރުމަކީ ފުލުހުންގެ ޓްރެފިކް އެންޑް ރޯޑް މެނޭޖްމަންޓުން ހާއްސަ އިސްކަމެއްދޭ ކަންކަމެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1