ލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫޢުގެ (ފޭސް 1) ގެ ދަށުން ކުރިއަށްދާ މުހިންމު ޔުޓިލިޓީ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިމިއްޖެ ކަމަށް އެމްޓީސީސީ އިން ހާމަކޮށްފިއެވެ.
އެމްޓީސީސީ އިން ހާމަކުރި ގޮތުގައި،މި މަޝްރޫޢުގެ ދަށުން ބަދަލުކުރަންޖެހޭ ނަރުދަމާގެ ހުރިހާ ލައިންތަކާއި، ފެން ހޮޅިތަކުގެ ގުޅުންތަކާއި، ފެންހިންދާ ވަޅުތައް ބެހެއްޓުމުގެ އިތުރުން ކޭބަލް ޖަންކްޝަންތައް ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ 100 އިންސައްތަ ނިމިފައެވެ.
މީގެއިތުރުން، ޔުޓިލިޓީ މަސައްކަތްތައް ނިމުމާއެކު، ތާރުއެޅުމުގެ ކުރިން ކުރަންޖެހޭ މަގުގެ ސަބްގްރޭޑިންގ (މަގު އެއްވަރުކުރުމުގެ) މަސައްކަތްތައްވެސް ބާރުދުވެލީގައި ކުރިއަށްދާ ކަމަށް އެމްޓީސީސީ އިން ބުނެއެވެ. އެގޮތުން ސެގްމެންޓް 5 އަދި 4 ގެ މަސައްކަތް އެއްކޮށް ނިންމައި، މިހާރު ވަނީ ސެގްމެންޓް 3 އަދި 2 ގެ ސަބްގްރޭޑިންގ މަސައްކަތްތައް ފަށާފައެވެ.
އެމްޓީސީސީ އިން ބުނީ މި މަޝްރޫޢުގެ ދަށުން މަގުގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އެކަމަށް ބޭނުންވާ މެޝިނަރީތައް އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހު ސައިޓަށް ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ.ތާރުއެޅުމުގެ މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ކާނިވަލް ޕާކިންގ ޒޯނަށް ވަންނަ ދޮރާ ހަމައަށް އޮތް ބޮޑުތަކުރުފާނު މަގުގެ ބައި އާންމު ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅުމަށް ވަގުތީގޮތުން ބަންދުކުރެވޭނެ ކަމަށް ވެސް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.