މާލޭގެ މަގުމަތީގައި އިދިކޮޅު އެމްޑީޕީން ސިލްސިލާކޮށް ކުރިއަށްގެންދާ މުޒާހަރާތަކަކީ އެ ޕާޓީގެ އެތެރޭގެ އިންތިހާބަށް ބޭނުންވާ ފޮޓޯ ހޯދުމުގެ ބޭނުމުގައި ކުރާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ސީނިއާ މެންބަރު ޝުޖާއު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކޮންމެ ރެއަކު މާލޭގެ މަގުތައް ހަލަބޮލިކޮށް ރައްޔިތުންނަށް އުނދަގޫވާ ގޮތަށް އެމްޑީޕީން ހިންގާ ހަރަކާތްތަކަކީ ސަރުކާރުގެ ނިންމުމަކާ ގުޅިގެން ނުވަތަ ކަމެއް ގޯސްވެގެން ކުރާ ކަމެއް ނޫން ކަމަށެވެ. އަދި އެ ޕާޓީގެ އިސް ލީޑަރުން ތިއްބެވީ އެއްވެސް ދަތިކަމެއް ނެތި ގޭގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
“މާލޭގެ މަގުތައް ހަލަބޮލިކޮށް ރައްޔިތުންނަށް ދަތިވާގޮތައް ކޮންމެ ރެއަކު ކުރާ މުޒާހަރާ ތަކަކީ ސަރުކާރުން ވަކިކަމެއް ގޯސްކޮށްކޮށްގެން ނުވަތަ ކުރާތީ ކުރާ މުޒާހަރާތަކެއް ނޫން.ޕާޓީގެ ލީޑަރުން ތިއްބެވީ ހެޔޮހާލުގައި ގޭގަ.ނުހައްޤުން ޖަލުގައި ހުރި އެކަކުވެސް ނެތް.ސިޔާސީ އަނިޔާ ލިބެމުންދާ އެކަކުވެސް ނެތް.” ޝުޖާއު ވިދާޅުވިއެވެ،
ޝުޖާއު އިތުރަށް ވިދާޅުވީ، މިހާރުގެ ސަރުކާރުގައި ނުހައްގުން ޖަލަށްލާފައިވާ މީހަކު ނުވަތަ ސިޔާސީ އަނިޔާ ލިބެމުންދާ އެކަކުވެސް ނެތް ކަމަށެވެ. އޭގެ ބަދަލުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް، އިސްލާހު ކުރަންޖެހޭ ކަންކަން ރަނގަޅު ކުރައްވަމުން ކަމަށް އޭނާ ވިދާޅުވިއެވެ.
” މިމުޒާހަރާތަކަކީ ކުރިއަށްއޮތް އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް ވާދަކުރައްވާ އެޕާޓީގެ މެމްބަރުން ބޭނުންވާ ފޮޓީޯ ހޯދަން ކުރާ މުޒާހަރާތަކެއް. ޤުރުބާންވީ ތިމަންނައޭބުނެ ޕާޓީގެ މެމްބަރުންނަށް ދައްކަން ކުރާ ކަމެއް.” ޝުޖާއު ވިދާޅުވިއެވެ.
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދަތިވާނެހެން އެއްވެސް އަސާސެއް ނެތް ކަންކަމުގައި މުޒާހަރާ ކުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
އެމްޑީޕީން ސަރުކާރަށް 12 ޑިމާންޑެއް ހުށަހަޅައި، މިދިޔަ ބުދަ ދުވަހުގެ ރޭ ފެށި މި މުޒާހަރާތަކުގެ އިތުރުން، ޕީއެންއެފް އިން ވެސް ދަނީ މާލޭގައި ސިލްސިލާކޮށް އިހުތިޖާޖު ކުރަމުންނެވެ.