ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިޔުޑީސީ)ގެ އިންތިހާބުގައި، އެއްވަރުވުމުގެ ސަބަބުން ނުވަތަ އެހެންވެސް ސަބަބަކާ ހުރެ ދެވަނަ ބުރަކަށް ދާންޖެހޭ ދާއިރާތަކުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ.
މިކަން ހާމަކުރެއްވީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ޒާހިދު ވިދާޅުވި ގޮތުގައި، ދެވަނަ ބުރަށްދާ ދާއިރާތަކުގެ އިންތިހާބު ބާއްވާނީ މި އޭޕްރިލް މަހުގެ 18 ވާ ހޮނިހިރު ދުވަހުއެވެ. އަދި މި އިންތިހާބަށް ވާންޖެހޭ ތައްޔާރީތައް މިހާރު ފަށާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
“މި އިންތިޚާބުގެ ދެވަނަ ބުރަށް ދާ ދާއިރާތަކުގެ އިންތިޚާބު 2026 އެޕްރީލް، އާދެ މި މަހުގެ 18ވާ ހޮނިހިރު ދުވަހު ބޭއްވިގެންދާނެ. މިކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ކުރުމުގެ މަސައްކަތް މިހާރު އަޅުގަނޑުމެން ފަށައިފީމު.” ޒާހިދު ވިދާޅުވިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު ކައުންސިލް އިންތިހާބާއި، ޑަބްލިޔުޑީސީ އިންތިހާބުގެ އިތުރުން، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމާ ގުޅޭގޮތުން ނެގުނު ހިޔާލު ހޯދުމުގެ ވޯޓުގެ ރަސްމީ ނަތީޖާ މިއަދު މެންދުރު 14:30 އިން ފެށިގެން އިއުލާން ކުރަން ފަށާނެ ކަމަށްވެސް ކޮމިޝަނުން ބުނެއެވެ. އިންތިހާބުގެ ކަންކަން ކުރިއަށްދިޔަ ގޮތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޒާހިދު ވިދާޅުވީ، ޒާހިދު ވިދާޅުވީ މި މަހުގެ 4ވަނަ ދުވަހު ބޭއްވި އިންތިޚާބުތަކަކީ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބެއްގައި އެންމެ ގިނަ އަދަދަކަށް ރައްޔިތުން ވޯޓުލި ފަހަރުކަމަށެވެ. އަދި އިންތިޚާބުގެ ހުރިހާކަމެއްވެސް ކުރިއަށްދިޔައީ މިނިވަންކަމާއި އިންސާފުވެރިކަމާއެކުގައި ކަމަށް ވިދާޅުވިއެވެ. ނަމަވެސް، އިންތިހާބާ ގުޅިގެން ޖުމްލަ 170 ޝަކުވާއެއް ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހެޅިފައިވާ ކަމަށާއި، އެ ޝަކުވާތަކަށް ޖަވާބުދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ކޮމިޝަނުން ދޭ ޖަވާބާ މެދު ހިތްހަމަނުޖެހޭ ފަރާތްތަކަށް، ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި ހައިކޯޓަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.
މިފަހަރުގެ އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު 294,876 މީހުންނަށް ލިބިފައިވާއިރު، އޭގެ ތެރެއިން 215,346 މީހުން ވަނީ ވޯޓުލާފައެވެ. މިއީ މިހާތަނަށް ކައުންސިލް އިންތިހާބެއްގައި އެންމެ ގިނަ އަދަދެއްގެ މީހުން ވޯޓުލާން ނިކުތް ފަހަރު ކަމަށް އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރެއެވެ.
ކޮމިޝަނުގެ ރައީސް ވަނީ އިންތިހާބު އިންތިޒާމު ކުރުމުގައި ސަރުކާރުގެ އިދާރާތަކާއި، ސިޔާސީ ޕާޓީތަކުންނާއި އާންމު ރައްޔިތުން ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރައްވައި، ކުރިއަށް އޮތް ތަނުގައިވެސް އަދުލުވެރިކަމާއެކު އިންތިހާބުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.