މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހެއްގެ މަރުގެ ސީދާ ސަބަބު ދެނެގަތުމަށްޓަކައި، އެ މީހާގެ ހަށިގަނޑުގެ އޮޓޯޕްސީ ހެދުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ފުލުހުން މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، މާލޭގެ ފާށަނާކިލެގެފާނު މަގުގައި ހުރި ގެއެއްގެ ތެރޭގައި ފިރިހެނަކު މަރުވެފައި އޮތް ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 13:10 ހާއިރު އެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، މަރުވެފައި އޮއްވައި ފެނުނު މީހާގެ ހަށިގަނޑުގެ ބޭރުފުށުން ބެލިބެލުމުން އެހެން ފަރާތަކުން ދީފައިވާ އަނިޔާއެއްގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށެވެ. ނަމަވެސް، އެ މީހާ މަރުވި ސަބަބާ މެދު ސުވާލު އުފެދޭ ބައެއް ކަންކަން ހުރުމުން ފޮރެންސިކް ތަހުލީލުތަކެއް ކުރަން ނިންމާފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
ފުލުހުން މި ގޮތަށް ނިންމީ ހަށިގަނޑު އޮތް ހާލަތަށާއި، މީހާ މަރުވިތާ ގިނަ ވަގުތުތަކެއް ވެފައިވާކަން ފާހަގަކުރެވުމުގެ އިތުރުން، އެ ހާދިސާ ހިނގި މާހައުލުން ލިބިފައިވާ މައުލޫމާތުތަކަށް ރިއާޔަތްކުރުމަށްފަހުގައެވެ. އެހެންކަމުން، މަރުގެ ސީދާ ސަބަބު ކަށަވަރު ކުރުމަށްޓަކައި އޮޓޯޕްސީ ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
މި މައްސަލަ ފުލުހުން މިހާރު އިތުރަށް ތަހުގީގު ކުރަމުންދާއިރު، ތަހުގީގަށް ލިބޭ ކުރިއެރުންތަކާ ގުޅޭ މައުލޫމާތު ކުރިއަށް އޮތް ތަނުގައި އާންމުކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.