ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް އިދިކޮޅު އަދާލަތު ޕާޓީ (އޭޕީ) އިން ތާއީދުކޮށްފި އެވެ.
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުއެކީގައި ބޭއްވޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށްޓަކައި މަޖިލީހުން ފާސްކުރި ބިލާ ގުޅޭގޮތުން އަދާލަތު ޕާޓީން ރޭ ބުނީ، މި ބަދަލަކީ ގައުމާއި ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކަމެއް ކަމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފައިވާ ކަމަށެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ ދައުރު ގުނުމުގެ އުސޫލަށް ގެނެވޭ ބަދަލާއި، ދެ އިންތިހާބު އެއްކޮށްލުމާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި “ފެންނަ ކަމަށް” ވޯޓު ދިނުމަށް އެ ޕާޓީން ވަނީ ނިންމާފައެވެ.
ގާނޫނުއަސާސީއަށް މިފަދަ ބޮޑު ބަދަލެއް ގެނެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެން ކަމަށްވާތީ، ސަރުކާރުން ވަނީ އަންނަ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް މިކަމާ ގުޅޭ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ނިންމާފައެވެ.
މި އިސްލާހަށް އަދާލަތު ޕާޓީގެ އިތުރުން މީގެ ކުރިން އެމްޑީއޭއިން ވެސް ވަނީ ތާއީދުކޮށްފައެވެ. ސަރުކާރުން މި ބަދަލު ގެނައުމަށް މަސައްކަތް ކުރަނީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށާއި، އިންތިހާބުތަކަށް ހޭދަވާ ވަގުތާއި ވަސީލަތްތައް ސަލާމަތްކުރުމުގެ މަޤްޞަދުގައެވެ.
މި ބަދަލު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން މިހާރު ވަނީ ބިލު ފާސްކޮށްފައެވެ. ނަމަވެސް، ގާނޫނުއަސާސީގައި ބަޔާންކުރާ ގޮތުގެ މަތީން މިފަދަ ބަދަލެއް ޢަމަލީ ގޮތުން ގެނެވޭނީ ރައްޔިތުންގެ ސީދާ ވޯޓަކުން އެކަމަށް ރުހުން ލިބިގެންނެވެ.