ކާބޯތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުން، ބޯފެނާއި ލުއި ބުއިންތައް ހުސްކޮށްފައިވާ ފުޅިތަކުގައި ކާބޯތަކެތި ބަންދުކޮށް ވިޔަފާރީގައި ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާތީ، އެކަން އެގޮތަށް ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެމްޑީއޭ) އިން އަންގައިފިއެވެ.
އެ އޮތޯރިޓީން ބުނީ، ބޯފެނާއި ލުއި ބުއިންތައް ބަންދުކުރުމަށް ބޭނުންކުރާ މި ފުޅިތަކަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ގޮތަށް، ޕޮލިއެތިލީން ޓެރަތަޔަލޭޓް އިން ތައްޔާރުކޮށްފައިވާ ފުޅިތަކެކެވެ. މިއީ ހަމައެކަނި ވަކިކަހަލަ އުފެއްދުންތަކަކަށް ބޭނުންކުރެވޭ ޕްލާސްޓިކްގެ ބާވަތެއްކަން އެ އޮތޯރިޓީން ފާހަގަކުރެއެވެ.
ބާޒާރުގައި ތަފާތު އެކި ބާވަތްތަކުގެ ބުއިންތައް މިފަދަ ފުޅިތަކުގައި ބަންދުކުރާކަން ފާހަގަކުރެވިފައިވާ ކަމަށާއި، މީގެ ސަބަބުން ފުޅިން ޕްލާސްޓިކްގެ އަސަރު ކާބޯތަކެއްޗަށް ކުރުވައި، އޭގެ ޒަރިއްޔާއިން އިންސާނުންގެ ސިއްހަތަށް ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު އޮތް ކަމަށް އެމްއެފްޑީއޭ އިން ވަނީ އިންޒާރު ދީފައެވެ.
އެހެންވެ، ބޯފެނާއި ލުއިބުއިންތައް ހުސްކުރި PET ފުޅިތައް ކާބޯތަކެތި ބަންދުކުރުމަށް ބޭނުން ނުކުރުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.